މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯގެ) ސީއީއޯގެ މަގާމަށް ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ފަރުހަތު ޝަހީރު އައްޔަންކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިރޭ ބުނީ، މިފްކޯގެ ސީއީއޯ އަދި އެމްޑީ ކަމަށް ފަރުހަތު އައްޔަން ކޮށްފައިވާ ކަމަށެވެ.
ސިފައިންގޭގެ ހިދުމަތުން 2012 ވަނަ އަހަރު ރިޓަޔާ ކުރެއްވި ފަރުހަތު ވަނީ މީގެކުރިން އައިޖީއެމްއެޗް ހޮސްޕިޓަލުގެ ސީއީއޯގެ މަގާމު ވެސް ފުރުއްވާފަ އެވެ.
މިފްކޯގެ ސީއީއޯގެ މަގާމުގައި ކުރިން ހުންނެވި ޑރ. ވިޓާލީ ލިއުބިމޮވް އެ މަގާމުން ވަނީ ވަކިކޮށްފަ އެވެ. އޭނާ އެ މަގާމުން ވަކިކުރި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.
ޑރ. ވިޓާލީގެ ކުރިން މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނެވީ ސަމާހު ރަޝީދެވެ. މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަކީ 1993 ގައި އުފެއްދި ކުންފުންޏެކެވެ.