Last Updated: April 10, 11:40
Thursday, April 10, 2025
ޚަބަރު

އައްޑޫ ކަރަންޓު މައްސަލާގައި އިހުތިޖާޖު ކުރުން ނޫން ގޮތެއް ނެތް

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ސަރުކާރުން އިހުމާލުވެފައިވާތީ އިހުތިޖާޖު ކުރުން ނޫން ގޮތެއް މިހާރު ނެތް ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ރޯދަ މަހަށް އައްޑޫގެ ކަރަންޓު މައްސަލަ ހައްލުވާނެ ކަމަށް ފެނަކަ އިން މީގެކުރިން ބުނި ނަމަވެސް، ރޯދަ މަސް ފެށުނު ފަހުން ވެސް އައްޑޫގެ އެކި އަވަށްތަކުން އަންނަނީ އެއް ގަޑިއިރަށް ކަރަންޓު ކަނޑަމުންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ ޤާނޫނު އަސާސީގެ 32 ވަނަ މާއްދާއިން ލިބިދެވޭ އެއްވެ އުޅުމުގެ މިނިވަންކަމާއި އަދި 31 ވަނަ މާއްދާއިން ލިބިދެވޭ ހަޅުތާލު ކުރުމުގެ މިނިވަން ކަމާއި އެކު އައްޑޫގެ ރައްޔިތުން ކަރަންޓުގެ އަސާސީ ހައްގުން މަހްރޫމުކޮށް އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރު އިހުމާލުވެފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ހައްލު ކުރުމަށް ކަމާއި ގުޅުން ހުރި މުއައްސަސާތަކުން އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރަމުން ނުދާތީ އައްޑޫގެ ރައްޔިތުންނަށް ލިބެންޖެހޭ ހައްގު ލިބިގަތުމަށް އިހުތިޖާޖް ކުރުން ނޫން އިތުރު ގޮތެއް ނެތް ކަމަށް ނިޒާރު ވިދާޅުވި އެވެ.

އައްޑޫގެ ކަރަންޓުގެ މައްސަލައާ ގުޅިގެން ފެނަކައިގެ އިސްވެރިން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށްދޭން މީގެކުރިން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލައާ ގުޅިގެން ފެނަކައިގެ އިސްވެރިން ހާޒިރުކުރަން ފާސްކުރި ނަމަވެސް މިހާތަނަށް އެ ކުންފުނީގެ ވެރިން ކޮމިޓީއަށް ގެނެސްފައެއް ނުވެ އެވެ.

ފެނަކަ އިން ދާދިފަހުން އައްޑޫއަށް 1.8 މެގަވޮޓްގެ ޖަނަރޭޓަރެއް ގެނެސް އިންސްޓޯލްކޮށް ހިދުމަތްދޭން ފަށާފައިވެ އެވެ. އަދި އިތުރު ޖަނަރޭޓަރެއް ވެސް އައްޑޫ އަށް ފޮނުވުމަށް ފެނަކަ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ފެނަކަ އިން މީގެކުރިން ވަނީ ރޯދަ މަހަކީ ކޮންމެ އަހަރަކު ވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ މަހެއް ކަމަށާއި އަދި އައްޑޫގައި ތަރައްގީގެ އެކިއެކި މަޝްރޫއުތައް ކުރިއަށްދާއިރު ދުވަހުން ދުވަހަށް ކަރަންޓުގެ ޑިމާންޑް މަތިވަމުންދާތީ، އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުނެފަ އެވެ.