Last Updated: April 14, 20:08
Tuesday, April 15, 2025
ޚަބަރު

ޝަރުއީ ދާއިރާއަށް ރައީސް އަތް ނުބާނާނެ: ފަލާހު

މެންބަރު އިބްރާހިމް ފަލާހް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޝަރުއީ ދާއިރާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަތް ނުބާނާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފައިވަނިކޮށް، އޭސީސީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކުއްލި ގޮތަކަށް ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފަ އެވެ. ޖޭއެސްސީން ސަސްޕެންޑުކުރީ ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރެވެ. މީގެތެރެއިން ސުއޫދު މިހާރު ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ ފެހި ޤާނޫނު އަސާސީގެ ދަށުން ވެރިކަން ކޮށްފައިވާ ބައެއް ވެރިން ރާއްޖޭގެ ފަނޑިޔާރުގެއަށް އަތާއި، ފަޔާއި ބާނައިގެން އުޅުނުކަން ނުދަންނަ ބަޔަކު ރާއްޖޭގައި އުޅޭހެން ހީނުވާ ކަމަށެވެ. އަދި ރައީސް މުޢިއްޒުގެ ސަރުކާރުން މަޖިލީހުގެ ފުރިހަމަ އަޣަލަބިއްޔަތު ލިބިފައި އޮތަސް ޝަރުޢީ ނިޒާމަށް އަތާއި ފަޔާއި ބާނައި، ފަނޑިޔާރުން ހައްޔަރުކޮށް، ސުޕްރީމް ކޯޓުގެ ފުރާޅުގެ ޓިނު ނެގުންފަދަ ދިމިޤްރާތީ އުސޫލުތަކާއި، ރޫލް އޮފްލޯ އާއި ޚިލާފު ކަންކަން ނުކުރައްވާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.

"ޕާލިމެންޓްރީ ސުޕްރަމަސީ އަކީ ތިންބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއްގައި ޢަމުދުން ދަމަހައްޓަން ޖެހޭ ކަމެކެވެ. ފަނޑިޔާރުގޭގެ ޢަދަދު ކަނޑައަޅަން މަޖިލީހުން ޤާނޫނަށް އިޞްލާޙް ގެނައުމަކީ އެ މަޖިލީހަށް ޤާނޫން އަސާސީ އާއި ޤާނޫން ތަކުން ލިބިދޭ މުޠުލަޤު ބާރެކެވެ. މިއީ ރައީސުލް ޖުމްހޫރިއްޔާ އަންގަވައިގެން މަޖިލީހުން ނިންމި ނިންމުމެއް ނޫނެވެ،" ފަލާހު ވިދާޅުވި އެވެ.

ރައީސް މުޢިއްޒު އަކީ ޑިމޮކްރަސީ ގެ ރޫލް އޮފް ލޯ އަށް އިޚްތިރާމް ކުރައްވާ، އިންސާފުވެރިކަމާއި އަދި ޢަދުލުވެރި ކަމާއެކު ވެރިކަން ކުރައްވާ ރައީސެއް ކަމަށާއި ފަނޑިޔާރުން ސިފައިން ނެރެ ބަރުހަތިޔާރު ދައްކައިގެން ހައްޔަރުކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފުރަގަހަށް ބިޑި އަޅުވައި، ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ފަހަތުން ދުވަން ރައީސް މުއިއްޒު ނޫޅުއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.