އައްޑޫން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައިވަނިކޮށް ފެނަކަ ކޯޕަރޭޝަންގެ އިސްވެރިން އެ ސިޓީއަށް ވަޑައިގަތުމުން އެ ބޭފުޅުންނާ ދެކޮޅަށް މުޒާހަރާކޮށްފި އެވެ.
އައްޑު އަށް ރޭ ދަންވަރު ވަޑައިގެންނެވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާރިފް އެވެ.
މި ބޭފުޅުން އައްޑު އަށް ވަޑައިގަތުމުން ގަން އެއާޕޯޓު ސަރަހައްދަށް އެއްވެފައި ތިބި އާންމުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި ތަފާތު އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ވެސް ހިފައިގެން އާންމުން އެ ސަރަހައްދުގައި ތިއްބެވެ.
އެ ސަރަހައްދަށް އެއްވެފައި ތިބި މީހުން ވަނީ ކަރަންޓުގެ މައްސަލައިގައި ދޭނެ ޖަވާބެއް ފެނަކައިގެ އިސްވެރިންގެ ނޯންނާނެ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަދަ މަގާމުތަކަށް ހަމަޖައްސާފައިވަނީ ނުކުޅެދޭ ފަރާތްތަކެއް ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ރޯދަ މަހަށް އައްޑޫގެ ކަރަންޓު މައްސަލަ ހައްލުވާނެ ކަމަށް ފެނަކަ އިން މީގެކުރިން ބުނި ނަމަވެސް، ރޯދަ މަސް ފެށުނު ފަހުން ވެސް އައްޑޫގެ އެކި އަވަށްތަކުން އަންނަނީ އެއް ގަޑިއިރަށް ކަރަންޓު ކަނޑަމުންނެވެ.
މި މައްސަލައިގައި އައްޑޫގެ މޭޔަރު އަލީ ނިޒާރު ވަނީ ކަރަންޓުގެ މައްސަލަ ހައްލުކުރަން ސަރުކާރުން އިހުމާލުވެފައިވާތީ އިހުތިޖާޖު ކުރުން ނޫން ގޮތެއް މިހާރު ނެތް ކަމަށް ވިދާޅުވެފަ އެވެ.