ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ރޭ ފަހު ވަގުތު ލިވަޕޫލުން 1-0 އިން ޕީއެސްޖީ ބަލިކޮށްފި އެވެ.
ޕެރިހުގައި ކުޅުނު މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅު ހަމަލާތަކެއް ފޮނުވާލީ ޕީއެސްޖީންނެވެ. މި މެޗުގައި ޕީއެސްޖީން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ. އެގޮތުން ޕީއެސްޖީން ފޮނުވާލި ރަނގަޅު 9 ޝޮޓެއް އެލިސަން މަތަކޮށްފައިވެ އެވެ.
މި މެޗުން ލިވަޕޫލް މޮޅުވި ގޯލު މެޗުގެ 87 ވަަނަ މިނިޓްގައި ކާމިޔާބުކޮދިނީ ހާވީ އެލިއޮޓް އެވެ. ޑާވިން ނުނޭޒް ދިން ބޯޅައަކުން އެލިއޮޓް މި ގޯލު ކާމިޔާބު ކުރީ ޕީއެސްޖީގެ އޭރިއާތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
މި ދެ ޓީމު އަންނަ ހަފްތާގައި ދެ ވަނަ ލެގުގައި ލިވަޕޫލް ދަނޑުގައި ބައްދަލުކުރާނެ އެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ރޭ ބަޔާނުން 3-0 އިން ބަޔާ ލެވަކޫސަން ބަލިކުރިއިރު، ބާސެލޯނާ އިން ރަށުންބޭރުގައި ބޮޑުބައި ކުޅުންތެރިއަކު މަދުކޮށް ކުޅެ ވަނީ 1-0 އިން ބެންފީކާ ބަލިކޮށްފަ އެވެ.