މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ނައިބު ރައީސް މުހައްމަދު ފަޒީންގެ އަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައިގައި އޭނަ މަގާމުން ވަކި ކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.
އެގޮތަށް ފާސްކުރީ ރޭ ކުރިއަށް ގެންދިޔަ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. މަޖިލީހުގެ ތަޅުމަށް އެ މައްސަލަ ފޮނުވަން ހުށަހެޅުއްވީ ކެލާ ދާއިރާގެ ޕީއެންސީ މެންބަރު، އަބްދުﷲ ޝަރީފެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ހެންވޭރު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު އަލީ އިބްރާހިމެވެ.
މަޖިލީހުގެ ތަޅުމުން ފަޒީންއާ މެދު ގޮތެއް ނިންމުމުގެ ކުރިން ޖަވާބުދާރީވުމުގެ އިތުރު ފުރުސަތެއް ދޭން ވެސް ރޭގެ ކޮމިޓީގައި ފާސްކުރި އެވެ.
ފަޒީންގެ މައްޗަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ ތަހުގީގު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ގެންދިޔައީ ސިއްރުކޮށްގެންނެވެ. ބެލެވޭ ގޮތުން ފަޒީންއާ މެދު ގޮތެއް ނިންމާނީ އަންނަ ހަފުތާފެ ހޯމައިގައި ބާއްވާ ޖަލްސާގަ އެވެ.
ބްރޯޑްކޮމްގެ އަންހެން މެންބަރަކަށް ފަޒީން ޖިންސީ ފުރައްސާރަކުރިކަމުގެތުހުމަތު ކުރެވި އެ މައްސަލަ މަޖިލީހަށް ހުށަހެޅީ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އޭރު އެ މައްސަލަ މަޖިލީހުން ފުލުހުންނަށް ވެސް ވެސް ހުށަހެޅި އެވެ.
ބްރޯޑްކޮމަށް ފަޒީން އައްޔަންކުރީ މާޗް 7، 2021 ގަ އެވެ.
ހިޔާލު ފާޅުކުރައްވާ