ބޮލީވުޑްގެ ބަތަލާ ކިއާރާ އަދުވާނީ އަލަތު ދަރިފުޅަށް ބަލިވެއިނުމާ ގުޅިގެން އޭނަ ސޮއިކޮށްފައި އޮތް ފިލްމު "ޑޮން 3" މިހާރު ދޫކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކިއާރާ އާއި އެކްޓަރު ސިދާތު މަލްއުތުރާ އަށް ދަރިޔަކު ލިބެން އުޅޭކަން އިއުލާންކުރީ މިދިޔަ ހުކުރު ދުވަހު އެވެ.
ރަންވީރު ސިންގް ބަތަލު ރޯލު ކުޅެން ހަމަޖެހިފައިވާ "ޑޮން 3" ގެ ބަތަލާއަކަށް ކިއާރާ ނެގިކަން އެ ފިލްމު އުފައްދާ ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ އެކްސަލް އެންޓަޓައިންމަންޓުން އިއުލާންކުރީ ފެބްރުއަރީ 20، 2024 ގަ އެވެ.
ފިލްމުގެ ޝޫޓިން ނުފެށި ދިގުލައިގެން ގޮސްފައި އޮތީ ފަރުހާން ކުޅޭ ފިލްމެއްގެ މަސައްކަތް މިދިޔަ އަހަރުން ފެށިގެން ކުރިއަށްދާތީ އެވެ. އެއީ މި އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ "120 ބަހާދޫރް" އެވެ.
ފަރުހާން ވަނީ މި ހަފުތާގައި މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި "ޑޮން 3" ގެ ޝޫޓިން މި އަހަރުގެ ތެރޭގައި ފަށާނެކަމުގެ ޔަގީކަން ދީފަ އެވެ. ނަމަވެސް ބަތަލާ ކިއާރާ ބަލިވެއިނުމާ ގުޅިގެން އޭނަ ހިމަނައިގެން ފިލްމު ހަދާ ނަމަ، އަނެއްކާ ވެސް ފިލްމުގެ މަސައްކަތް ލަސްވުމުގެ ފުރުސަތު އޮތުމާ އެކު، ކިއާރާ ފިލްމު ދޫކޮށްލީ ކަމަށް މީޑިއާތަކުން ބުންޏެވެ.
ނަމަވެސް އެކަން އަދި ރަސްމީކޮށް ކަށަވަރެއް ނުވެ އެވެ.
މިހާރު ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު ބަތަލާއިންގެ ތެރޭގައި ހިމެނޭ ކިއާރާގެ އެންމެ ފަހުފެ ފިލްމަކީ ޖެނުއަރީގައި ރިލީޒްކުރި ތެލެގޫ އެކްޓަރު ރާމް ޗަރަންގެ "ގޭމް ޗޭންޖާ" އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ ރިތިކް ރޯޝަންގެ "ވޯ 2" އެވެ. އޭގެ ޝޫޓިން ކިއާރާ އޮތީ މިދިޔަ އަހަރު ނިންމައިފަ އެވެ.