ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ ޢަޒުމަކަށް ވާންވީ، އިސްލާމް ދީނުގެ ރިވެތި އުސޫލުތަކަށް އަމަލު ކުރާ، ދިވެހީންގެ ހަރުދަނާ ސިފަތަކަށް ޤަދަރުކުރާ މީހަކަށްވުމުގެ ޢަޒުމު ކަމަށާއި، އޭރުން ރޫޙާނީ ގޮތުންނާއި ނަފުސާނީ ގޮތުން ތާހިރުކަން ލިބުމާއެކު މަސައްކަތްތެރި މުރާލި ހުނަރުވެރި ތަހުޒީބު މީހަކަށް ވެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ޤައުމީ ފެންވަރުގައި މިއަދު ފާހަގަކުރާ ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު ދެއްވި ޚާއްޞަ ޚިޠާބުގައި ވިދާޅުވީ މިއަދު ދިވެހި ޤައުމިއްޔަތުގެ މާނަތައް އަލުން ހަރުލައްވަން މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.
އެހެންވެ އެކަމަށްޓަކައި މި ޒަމާނުގައި ބޭނުން ވަނީ ޢިލްމީ ހަމަތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ޢިލްމީ ހަމަތަކުގެ މަތިން ދިވެހި ޤައުމިއްޔަތު އުނގަންނައިދެވި، ދިވެހީންގެ ތަޖުރިބާތަކާއި ހުނަރުތައް ފަހަށް ރައްކާކުރެވެމުން ދާނެ ކަމަށެވެ.
ހަމަ އެހެންމެ، ދިވެހީންގެ ތަރިކަތައް ޒަމާނީ ޓެކްނޮލޮޖީ އާއި އިޤުތިޞާދީ ވިސްނުން ޝާމިލުކޮށްގެން، ދެމެހެއްޓެމުން، ބެލެހެއްޓެމުން ދާނެ ކަމަށާއި، މީގެ އިތުރަށް، މާތްވެގެންވާ އިސްލާމްދީން މެދުވެރިކޮށް ދިވެހީންގެ ސަގާފަތް އަބަދުވެސް އިޞްލާޙު ކުރެވެމުން، ނުރަނގަޅު ދޮރުތައް ބަންދު ކުރެވެމުން، ރަނގަޅު ކަންކަމަށް ތަރުޙީބު ދެމުން ކުރިޔަށް ދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ޤައުމެއްގެ ގޮތުގައި ބަޔަކު ދިރިއުޅޭ އިރު، އެ ބަޔަކު ހެޔޮނުބައި ކަނޑައަޅަން ބޭނުން ކުރާ މިންގަނޑެއް އޮންނަ ކަމަށާއި، އެ މުޖުތަމަޢެއްގެ ސަގާފަތާއި އާދަކާދަތައް ބައްޓަންވެގެން ދާނީ އެ ބަޔަކު ގަބޫލުކުރާ ހަމަތަކެއްގެ މަތީން، ނުވަތަ އެ ބަޔަކު ދުނިޔެދެކޭ ގޮތެއްގެ މަތީން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ހެޔޮނުބައި ކަނޑައެޅުމަށް ދިވެހީން ބޭނުން ކުރާ މިންގަނޑަކީ މާތްވެގެންވާ އިސްލާމް ދީންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީށް ވިދާޅުވީ، ދިވެހީން އިސްލާމް ދީން ބަލައިގަތުމަކީ ދިވެހި ޤައުމިއްޔަތަށް އައި އެންމެ ހެޔޮ އިންޤިލާބެއް ކަމަށެވެ.
ރައީސް ވިދާޅުވީ ދިވެހީންނަކީ އަޚުންތަކެއް ކަމަށް ގަބޫލުކުރެވި، އެކަކުއަނެކަކަށް އަޅައިލައި، ހަމްދަރުދީވުމުގެ ރީތި މިސާލުތަކަށް ބޭރުގެ ލިޔުންތެރީންގެ ތާރީފުތައް އޮހެން ފެށިކަމާއި، މުޅި ރާއްޖޭގައި އަމާންކަން ގާއިމުވެ، ބޭރުން ބަޔަކު ރާއްޖެއަށް ހަމަލާ ދިނަސް، މާތްވެގެންވާ އިސްލާމްދީނުގެ ދިފާޢުގައި، ޙައްޤު ގޮތުގައި ޖިހާދުކޮށް މި ލޮބުވެތި ވަޠަން މިނިވަންކުރެވިޔަ ކަމަށެވެ.
އަދި ދިވެހި ޤައުމިއްޔަތަކީ އެތައް ހާސް އަހަރެއްވީ ދިވެހީންގެ އެކުވި ވިސްނުމުގައި ބިންވަޅު ނެގިފައިވާ ޙަޤީޤަތްތަކެއް ކަމަށް ވިދާޅުވި އެވެ. ރާއްޖެ އަކީ މި ރާއްޖޭގައި ބަޔަކު ވަޒަންވެރިވި ތާރީޚެއް ދުވަސްވަރެއް އެނގެން ނެތް ޤައުމަކަށް ވާ އިރު، މި ކަމުން އަންގައިދެނީ، ދިވެހީންގެ ދޮށިކަމާއި، ދިވެހީންގެ އަސްލުވެހިކަމާއި، ދިވެހި ދައުލަތުގެ އެވޭލާކަމާއެކު ހައިބަތާއި ހަރުދަނާކަން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އަދި ޤައުމިއްޔަތަކީ ބަޔަކު ތަނެއްގައި ދިރިއުޅޭން ފެށުމުން އެބައެއްގެ ދަރިކޮޅު އިތުރުވެ ފެތުރިގެންދާ ދިޔުމުގައި، އެ ބަޔަކު އެ ތަނެއްގައި ކުރާ ތަޖުރިބާތައްކަމަށާއި އަދި އެ ތަޖުރިބާތަކުގެ ތެރެއިން އެ ބަޔަކު އެ ތަނެއްގައި މާދަމާއަށް ދެމި ތިބޭން ކުރާ ފިކުރެއް ކަމަށް ވިދާޅުވި އެވެ.