އައްޑޫ ކޮންޒަވޭޝަން ޓްރަސްޓް ފަންޑަށް މިދިޔަ އަހަރު 877،000 އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ދައްކައިފި އެވެ.
މިއަދު އާންމުކުރި އެ ފަންޑްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރު ފަންޑަށް އާމްދަނީގެ ގޮތުގައި ލިބުނީ ޖުމްލަ 877،648.49ރ. އެވެ. މީގެ ތެރޭގައި ހިމެނެނީ އައްޑޫ ނޭޗާ ޕާކްގެ ހިދުމަތްތަކުން ލިބުނު 377،648.49ރ. އާއި ގްރީން ފަންޑުން ލިބުނު 500،000ރ. އެވެ.
ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު ފަންޑުން ހަރަދު ވާނެ ކަމަށް އަންދާޒާކުރި އަދަދުުތަކަށް ބަލާ އިރު، ނޭޗާ ޕާކްގެ މެއިންޓަނަންސާއި އެހެނިހެން ހަރަދުތަކަށް ހިނގާނެ ކަމަށް ލަފާކުރީ 980،935ރ. އެވެ. ނަމަވެސް އަހަރުގެ ނިޔަލަށް ހޭދަވީ 355،492ރ. އެވެ. ގްރީން ފަންޑުން މިދިޔަ އަހަރު ހަރަދުވާނެ ކަމަށް ލަފާކުރީ 862،329.20ރ. އެވެ. އަދި ހަރަދުވީ 299،320ރ. އެވެ.
އެގޮތުން ފަންޑުން މިދިޔަ އަހަރު ޖުމްލަ ހަރަދު ކުރެވުނީ 654،812.50ރ. އެވެ.
އައްޑޫ ކޮންޒަވޭޝަން ޓްރަސްޓް ފަންޑްގެ މިދިޔަ އަހަރުގެ ރިޕޯޓުން ދައްކާ ގޮތުގައި އަހަރު ނިމުނު އިރު، ފަންޑްގައި ބާކީ ހުރީ 1،858،174.36ރ. އެވެ. އެއީ މިދިޔަ އަހަރު ފެށުނު އިރު، ސާޕްލަސްގައި ބާކީ ހުރި 1،635،338.37ރ. އާ އެކީގަ އެވެ. މިދިޔަ އަހަރު ފެށުނު އިރު ފަންޑްގައި ޖުމްލަ 2،512،986.86ރ. ހުއްޓެވެ. އެއީ 2023 ނިމުނު އިރު ފަންޑްގައި ބާކީ ހުރި 1،273،009.17ރ. އާ އެކީގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެ އަހަރު ނިމުނު އިރު، ގްރީން ފަންޑްގައި ބާކީ ހުރި 362،329.20ރ. އާއި ނޭޗާ ޕާކްގެ ހިދުމަތްތަކުން ލިބުނު 377،648.49ރ. އެވެ.
އައްޑޫ ކޮންޒަވޭޝަން ޓްރަސްޓް ފަންޑަކީ މެއި 15، 2022 ގައި ފިނޭންސް މިނިސްޓްރީގައި ގާއިމުކުރި ފަންޑެކެވެ.
މި ފަންޑްގެ ބޭނުމަކީ އައްޑޫގެ އިހްތިސާސްގައި ހިމެނޭ ހިމާޔަތްކޮށްފައިވާ އަދި ޔުނެސްކޯގެ "މޭން އެންޑް ބައޮސްފިއާ ރިޒާވް" ގެ ލަގަބު ލިބިފައިވާ ތަންތަނުން ލާމަރުކަޒީ އުސޫލުން މަންފާ ލިބިދިނުމާއި އާންމުންނަށް ދެމަހެއްޓެނިވި ގޮތެއްގައި އެ ސަރަހައްދުތަކުން އިޖުތިމާއީ އަދި އިގުތިސާދީ މަންފާ ލިބިދިނުމެވެ.