Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

ވޭޕް ވިއްކާތީ އޮޕަރޭޝަނެއް، ބިދޭސީއަކު ހައްޔަރަށް

މާލޭގައި ގަވާއިދާ ހިލާފަށް ވޭފްގެ ވިޔަފާރިކުރާކަަމަށް ފުލުުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގައިފި އެވެ.

މި އޮޕަރޭޝަނުގައި، ވޭޕް ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހަކު ދިރިއުޅޭ ތަނާއި އޭނާ މަސައްކަތްކުރާ ކެފޭ ބަލައިފާސްކޮށްފައިވެ އެވެ. ބަލައިފާސްކުރުމުގެ ތެރެއިން 84 ވޭޕް ކާޓްރިޖް އާއި ވޭޕް ވިއްކައިގެން ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފައިސާ ފެނިފައިވެ އެވެ

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަނގްލަދޭޝްގެ އެމްޑީ އަބޫ ސުފްޔާން، 27، އެވެ.

ފުލުހުން ބުނީ މީގެ އިތުރުން ގަލޮޅުގައި ހުންނަ ފިހާރައެއްގައި ވޭޕް ވިއްކައި ވިޔަފާރިކުރާ ކަަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ ފިހާރަ ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ވޭޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި، ފުލުހުންގެ އިތުރުން ހެލްތު މިނިސްޓްރީ އާއި އިކޮނިމިކް މިނިސްޓްރީ ބައިވެރިވެ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހާއެކު ވޭޕް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާ ކުރުމާއެކު، ވިއްކި ކޮންމެ ވޭޕަކަށް 10،000ރ. ގެ ޖޫރިމަނާއެއް އަންނާނެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 15، އިން ފެށިގެން, ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެތަކެތި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އިރު، އެތެރެކުރި ކޮންމެ އީ-ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.

އަދި ހިލޭ ވޭޕެއް މީހަކަށް ދިނަސް 10،000ރ. ގެ ޖޫރިމަނާއެއް އަދި ބޭނުންކުރާ ކޮންމެ މީހަކު 5،000ރ. ގެ ޖޫރިމަނާ ކުރާނެ އެވެ.

މި ގަވާއިދަށް އަމަލު ކުރަން ފެށި ފަހުން އެކި ފަހަރު މަތިން ވޭޕްގެ މުއާމަލާތްތަކާ ގުޅިގެން މީހުން ޖޫރިމަނާކޮށްފައިވެ އެވެ.