Last Updated: April 19, 21:11
Saturday, April 19, 2025
މުނިފޫހިފިލުވުން

ދޮންދަރި ސްކްރީނުން ދެކިލަން ކަރީނާ ކެތްމަދުވެފައި

ދޮންދަރިއެެއް ކަމަށްވާ އިބްރާހީމް އަލީ ޚާން (އިގީ) ސްކްރީނުން ދެކިލަން ކެތްމަދުވެފައި ހުރި ކަމަށް ބަތަލާ ކަރީނާ ކަޕޫރް ބުނެފި އެވެ.

އޭނަ އެ ވާހަކަ ހިއްސާކުރީ އިއްޔެ ފާހަގަކުރި 24 ވަނަ އުފަން ދުވަހުގެ ތަހުނިޔާ ކިޔައި، އިންސްޓަގްރާމް ސްޓޯރީގަ އެވެ. އެ ޕޯސްޓްގައި "ބެސްޓް ބޯއި" އަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔައި ކަރީނާ ބުނީ ސްކްރީނުން އިގީ ދެކިލަން ކެތްމަދުވެފައި ހުރި ކަމަށެވެ.

އިގީ އަކީ ކަރީނާގެ ފިރިމީހާ، އެކްޓަރު ސައިފް އަލީ ޚާންގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދެ ކުދިންގެ ތެރެއިން ހަގު ދަރިފުޅެވެ. އިގީ އާއި ބަތަލާ ސާރާ އަލީ ޚާންގެ މަންމަ އަކީ ބަތަލާ އަމްރިތާ ސިންގް އެވެ. ފިލްމު ކޭދަރުނާތު" އިން 2018 ގައި ސާރާ ބޮލީވުޑަށް ތައާރަފުވިތާ ހަތް އަހަރު ފަހުން އިގީ ތައާރަފުކުރާ ފިލްމަކީ މާދަމާ ނެޓްފްލިކްސް އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ރޮމޭންޓިކް ކޮމެޑީ "ނާދާނިޔާން" އެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދޭ މި ފިލްމަކީ އާ ޑައިރެކްޓަރު ޝައުނާ ގޯތަމްގެ ފުރަތަމަ ފިލްމެވެ. އިގީއާ އެކު "ނާދާނިޔާން" ގައި ބަތަލާގެ ރޯލު ކުޅެފައި ވަނީ ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރެވެ. މިއީ އޭނަގެ ތިން ވަނަ ފިލްމެވެ.

މާދަމާ އިގީގެ ފިލްމު ބެލުންތެރިންނަށް ދޫކޮށްލާ އިރު "ނާދާނިޔާން" ގެ ކާސްޓްގައި ސުނިލް ޝެޓީ، މަހީމާ ޗައުދަރީ، ޖުގާލް ހަންސްރާޖް އަދި ދިއާ މިޒްރާ ހިމެނެ އެވެ.

މި ފިލްމުގެ އިތުރުން އިގީ އޮތީ ދަރުމާ އަށް "ސަަރްޒަމީން" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ނިންމައިފަ އެވެ. ބޮޑު ސްކްރީނަށް މި އަހަރު ގެންނާނެ ކަމަށް ބެލެވޭ އެ ފިލްމުގެ ކާސްޓްގައި ކާޖޮލް އާއި ޕްރިތުވީރާޖް ސުކްމަރަން ވެސް ހިމެނެ އެވެ.