Last Updated: April 23, 01:22
Tuesday, April 22, 2025
ޚަބަރު

ދޮގު ތުހުމަތުތަކެއްކޮށްގެން އުޅެނީ ނުފޫޒު ފޯރުވަން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުންދާ ޖިނާއި ތަހުގީގަކީ އަސްލެއް އަސާސެއް ނެތި އުފައްދާފައިވާ ހާލަތެއް ކަމަށް އޭނާގެ ވަކީލުން މިއަދު ބުނެފި އެވެ.

ފަނޑިޔާރު އަޒްމިރާލްދާއާ ގުޅޭ ގޮތުން ޖިނާއި ތަހުގީގެއް ހިންގަމުންދާ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ. އަދި މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނެ ޖޭއެސްސީން ދަނީ އަޒްމިރާލްދާގެ ސުލޫކީ މައްސަލައެއްވެސް ބަލަމުންނެވެ.

އެހެންވެ ފެބްރުއަރީ 26 ވަނަ ދުވަހުން ފެށިގެން އަޒްމިރާލްދާ ހިމެނޭޙެން ފަނޑިޔާރު މަހާޒު އަލީ އަދި ފަނޑިޔާރު ހުސްނުއްސުއޫދު ހުންނެވީ ސަސްޕެންޝަންގަ އެވެ. އެކަމަކު ފަނޑިޔާރުކަމުގެ މަގާމުން ސުއޫދު ވަނީ އިސްތިއުފާދެއްވާފަ އެވެ.

އަޒްމިރާލްދާގެ ވަކީލު އިބްރާހިމް ޝަމީލްގެ ފަރާތުން މިއަދު އާއްމުކުރި ނޫސްބަޔާނެއްގައި ވަނީ އަޒްމިރާލްދާ އަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށް، ސުލޫކީ މައްސަލައެއް ބަލަނީ ނެތް ހާލަތެއް އުފައްދައިގެން ކަމަށް ބުނެފަ އެވެ.

"މި މައްސަލަތަކަކީ އަސްލެއް، އަސާސެއްނެތި ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ ހާލަތެއް ކަމުގައި ދެކެމެވެ،" އެ ބަޔާނުގައިވެ އެވެ.

ލަތީފްގެ ބަންދުގެ މައްސަލާގައި އަޒްމިރާލްދާ ނުފޫޒު ފޯރުވިކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށް ބަޔާނުގައި ބުނީ އެ މައްސަލާގައި އެއްވެސް ފަނޑިޔާރަކަށް ގުޅާފައިނުވާނެ ކަމަށާއި، އަދި ނުފޫޒު ފޯރުވާފައިނުވާނެކަން ބަޔާންކޮށް ތަފްސީލާއެކު ޖޭއެސްސީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނީ އަޒްމިރާލްދާ ސަސްޕެންޝަނުގައި ހުންނަވާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވިއިރުވެސް ބަލަމުން ދަނީ ކޮން މައްސަލައެއްކަން އޭސީސީން އަންގާފައިނުވާ ކަމަށެވެ.

"އެ މައުލޫމާތު ހޯދަން އޭސީސީއަށް ހުށަހެޅުމުން މިހާތަނަށް ހިއްސާކޮށްފައެއް ނުވޭ، އެހެންކަމުން އަސާސެއް އޮތް ތަހުގީގެއް ކޮމިޝަނުން ކުރަމުންދާކަމާމެދު ސުވާލު އުފެދެ އެވެ" އެ ބަޔާނުގައި ބުނީ، ދައުލަތުގައި ތިބި ފަރާތްތަކުން މުއައްސަސާތައް ބޭނުންކޮށްގެން މަސައްކަތް ކޮށްފައިވާތީ އެކަމާ ގުޅިގެން ޖިނާއި ތަހުގީގެއް ހިންގައި ދިނުމަށް ފެބްުރުއަރީ 27 ގައި އަޒްމިރާލްދާގެ ފަރާތުން ހުށަހެޅުމުން އެ މައްސަލާގައި ކޮރަޕްޝަންގެ ގޮތުގައި ކަނޑައަޅާފައިވާ ކުށެއް މިހާތަނަށް ފާހަގަކުރެވިފައިނުވާތީ މައްސަލަ ރަޖިސްޓްރީ ނުކުރުމަށް ނިންމާފައިވާ ކަމަށް އޭސީސީން އަންގާފައިވާ ކަމަށެވެ.

އަޒްމިރާލްދާގެ ޝަކުވާއާ ގުޅިގެން އެއްވެސް މުއައްސަސާއަކުން އެ މުއައްސަސާގެ ގާނޫނީ ޒިންމާ އަދާކޮށްފައިނުވާތީ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.

"އެހެންކަމުން މި މައްސަލަތަކުގައި ދައުލަތުގެ މުއްސަސާތަކާއި، ދައުލަތުގެ ހިންގުމާ ހަވާލުވެތިބި ފަރާތްތަކުން ގާނޫނުގެ ވެރިކަމަށް ރުޖޫއަވެ ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކުރަމެވެ" ބަޔާނުގައި ބުންޏެވެ.