އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ސުޕްރީމް ކޯޓުން ކުރި އަމުރަކާ ޚިލާފުވެފައިވާ ކަމަށް ބުނެ ކުރާ ތުހުމަތުތައް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ދޮގުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވީ ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅި މައްސަލައިގައި މިދިޔަ ފެބްރުއަރީ 18ގައި ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި، މައްސަލައަށް ޖަވާބުދާރީވާން ދައުލަތަށް 10 ދުވަހުގެ ފުރުސަތެއް ދޭން ފަނޑިޔާރުންގެ ބެންޗުން ވަނީ ނިންމާފަ އެވެ.
އެ މުއްދަތުގެ ތެރޭގައި އޭޖީ އޮފީހުން ޖަވާބު ހުށަހަޅާފައިނުވާ ކަމަށް ވިދާޅުވެ، އެ މައްސަލައިގައި އުޝާމަށް ފިޔަވަޅުއަޅައިދިނުމަށް އެދި އަލީ ހުސެއިން މިއަދު ވަނީ ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވައިފަ އެވެ.
އެކަމާ ގުޅިގެން އުޝާމް ވިދާޅުވީ ސުޕްރީމް ކޯޓުން ދީފައިވާ ރަސްމީ 10 ދުވަހުގެ މުއްދަތުގެ ތެރޭގައި އޭޖީ އޮފީހުން ކުރަންޖެހޭ ކަންކަން ކޮށްފައިވާނެ ކަމަށެވެ. އަދި އެމުއްދަތު ހަމަވަނީ މިދިޔަ މަހުގެ 28 އަށް ނޫން ކަމަށާއި ރަސްމީ ދުވަސް ގުނަންޖެހޭ ގޮތް ކިޔައިނުދިނަސް އެނގޭނެކަމަށް ދެކޭ ކަމަށް އުޝާމް ވިދާޅުވި އެވެ.
"މިބަރަކާތްތެރި ރަމަޟާން މަހު ތިޔަފަދަ ދޮގު ވާހަކަތައް ފަތުރައި، ފިތުނަފަސާދަ އުފެއްދުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ކޮންމެވެސް ހެޔޮ އަމަލެއް ކުރުމުގައި ޝާމިލްވުމަށް ނަސޭހަތްތެރިވަން،" އުޝާމް ވިދާޅުވި އެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުންދަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލީހުން ވަނީ ބިލެއް ފާސްކޮށްފަ އެވެ. އަދި އޭސީސީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކުއްލި ގޮތަކަށް ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ވެސް ސަސްޕެންޑްކޮށްފަ އެވެ. ޖޭއެސްސީން ސަސްޕެންޑުކުރީ ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރެވެ. މީގެތެރެއިން ސުއޫދު މިހާރު ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފަ އެވެ.