Last Updated: April 1, 23:32
Tuesday, April 1, 2025
ޚަބަރު

ގަސް ކަނޑާތީ މާލެ ކައުންސިލަށް ދައުވާކުރަން ޖެހޭ

ކުރީގެ ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މާލޭގެ މަގުތަކުގައި ހެދިފައި ހުރި ގަސްތައް ކަނޑާތީ މާލޭ ސިޓީ ކައުންސިލަށް ދައުވާކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ މާލޭގެ މަގުތަކުގައި ހެދިފައި ހުރި ގަސްތައް މާލޭ ސިޓީ ކައުންސިލުން އެ އިރެއްގައި ހިތުހުރި ގޮތަކަށް ކަނޑާ ހެދުމަކީ ގާނޫނާއި ހިލާފަށް ކުރާ ކަމެއް ކަމަށެވެ.

"މިކަމުގައި އެ ކައުންސިލްގެ މައްޗަށް ޖިނާއީ ދައުވާ އުފުލަންޖެހޭ ކަމަށް އަޅުގަނޑު ދެކެން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވި އިރު ގަސް އުފުރާލުމާއި ގަސްތައް ކެނޑުމުގެ މަސައްކަތަކީ ކައުންސިލުން ކުރުމަށް ގަސްތުކުރާ ނުވަތަ ބޭނުންވާ ކަމެއް ނޫން ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ބައެއް ފަހަރަށް ބޮޑެތި ގަސްތައް ހެދިފައި ހުންނަ ގޮތުން ރައްޔިތުންގެ މުދަލަށާއި ބައެއް ގޭގޭގެ ގޯތި ތެރެއަށް ގަހުގެ ފަތް އެޅި، ގަހުގެ މޫތަކުން ޕޭމަންޓު ގާތަށް ވެސް އުފުލި، ގަލުގައި އަޅައިގަނެ ވެއްޓި ގިނަ ބަޔަކަށް އަނިޔާވަމުން އަންނަ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އާޒިމް ވިދާޅުވި އެވެ.

މީގެއިތުރުން ގަހުގެ ގޮފިތަކުން ގޭގެއަށް މީދަލާއި ދިރޭ ތަކެތި ވަންނަ ކަމުގެ ޝަކުވާތައް ވެސް ލިބެމުން އަންނަ ކަމަށާއި އަދި މަގުތަކުން ދަތުރުކުރާ، ބޮޑެތި ހެވީ ވެހިކަލްތައް ގަސްތަކުގެ ގޮފިތަކުގައި އަޅައިގަނެ، އެ އުޅަނދުތައް ދަރުތުކުރަން ދަތިވެ ގަހަށާއި އުޅަންދަށް ގެއްލުން ލިބި އެ ފަރާތްތަކުގެ ޝަކުވާތައް ވެސް ލިބޭ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވަނީ އުމުރުން ދުވަސްވެ ނިކަމެތިވެފައިވާ ގަސްތައް ކެނޑި ނަމަވެސް، އައު ގަސް ޖަހައި މާލެ ފެހިކުރާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.