ރަންވީރު ސިންގް ބަތަލުގެ ރޯލު ކުޅެން ހަމަޖެހިފައިވާ "ޑޮން 3" ގެ ބަތަލާގެ ރޯލަށް ޝަރްވާރީ ވާގް ނަގަން މިހާރު ވާހަކަތަކެއް ދެވެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ދެހާސް އެކާވީހުގެ "ބަންޓީ އޯރް ބަބްލީ 2" އިން ބޮލީވުޑަށް ނުކުތް 27 އަހަރުގެ ބަތަލާ އަކީ މިހާރު ބޮލީވުޑްގެ އެންމެ އުންމީދީ އެއް ބަތަލާ އެވެ. އޭނަ އަށް މިހާރު ގިނަ ހުށަހެޅުންތަކެއް ލިބެމުން އަންނަ އިރު "ޑޮން 3" އަށް ނެގި ބަތަލާ ކިއާރާ ފިލްމު ދޫކޮށްލުމާ ގުޅިގެން ޝަރުވާރީ އަށް އެ ރޯލު ދޭން މަޝްވަރާތައް ކުރިއަށްދާ ކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުންޏެވެ.
ކިއާރާ ފިލްމު ދޫކޮށްލީ އަލަތު ދަރިފުޅަށް ބަލިވެއިނުމާ ގުޅިގެންނެވެ. އޭނަ އާއި ފިރިމީހާ އެކްޓަރު ސިދާތު މަލްއުތުރާ އަށް ދަރިއަކު ލިބެން އުޅޭކަން އިއުލާންކުރީ މިދިޔަ ހަފުތާގެ ހުކުރު ދުވަހު އެވެ. ނަމަވެސް ކިއާރާ "ޑޮން 3" އިން ވަކިވިކަން އޭނަގެ ފަރާތުންނާއި އެ ފިލްމު ޕްރޮޑިއުސްކުރާ، ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ އެކްސަލް އެންޓަޓައިންމަންޓުން އަދި ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.
ބައެއް މީޑިއާތަކުން ބުނީ "ޑޮން 3" އަށް ކިއާރާ ނެގީ ފިލްމުގެ ބަތަލާއަކަށް ކްރިތީ ސެނަން ގެނައުމާ މެދު ވެސް މަޝްވަރާތަކެއް ކުރުމަށް ފަހު ކަމަށެވެ. ނަމަވެސް މިހާރު ކިއާރާ ފިލްމު ދޫކޮށްލާފައިވާތީ އަލުން ކްރިތީ ފިލްމަށް ގެނައުމުގެ ވިސްނުމެއް އޭގެ ޓީމްގައި ނެތް ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
އެހެންވެ ޝަރުވާ އަށް "ޑޮން 3" އިން ލިބުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ. ހުނަރުވެރި ބަތަލާ ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި މިދިޔަ އަހަރުގެ "މަހާރާޖް" އާއި "ވޭދާ" ހިމެނެ އެވެ. މި އަހަރުގެ ފަހުކޮޅު ރިލީޒްކުރަން ހަމަޖެހިފައިވާ އާލިއާ ބަޓްގެ "އަލްފާ" އިން ވެސް ފެންނާނެ ޝަރުވާރީ ސޮއިކޮށްފައިވާ ކަމަށް ބުނާ ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު އިމްތިއާޒް އަލީ ކުރިއަށް އޮތް ފިލްމު ހިމެނެ އެވެ.
"ޑޮން 3" ފިލްމުގެ ޝޫޓިން މި އަހަރު ފަށާނެ ކަމަށް ފަރުހާން ބުންޏެވެ. ބެލެވޭ ގޮތުން މި ފިލްމު އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ އެވެ.