Last Updated: April 19, 17:48
Saturday, April 19, 2025
ޚަބަރު

މީހުންގެ އަބުރަށް އަރައިގަތުމަކީ ބޮޑު ފާފައެއް: ހުތުބާ

ހަޑިހުތުރު ބަސްތަކުން މީސްތަކުންގެ އަބުރަށް އަރައިގަތުމަކީ މާތްﷲ ޙަރާމްކުރައްވައިފައިވާ ބޮޑު ފާފައެއް ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ "ރޯދައިގެ ޙިކުމަތް"، މި މައުޟޫއުގެ މައްޗަށެވެ.

ހުތުބާގައި ބުނީ މިއަދު މާބޮޑު ކަމެއްގެ ގޮތުގައި ނުދެކި އަހަރެމެންނަށް އަރައިގަނެވޭ އެންމެ ބޮޑު އެއް ފާފައަކީ ދެބައޮޑުވުމާއި ޣީބަބުނުމާއި ދޮގު ވާހަކަތަކާއި ހަޑިހުތުރު ބަސްތަކުން މީސްތަކުންގެ އަބުރަށް އަރައިގަނެ އުނދަގޫ ކުރުން ކަމަށެވެ. ވަކިން ޚާއްސަކޮށް މީސްމީޑިޔާގެ މަންސަތަކުގައި މިއަދު މި ކަންކަން ކުރަނީ ފާޅުކަން ބޮޑު ގޮތެއްގައި އެއްވެސް ޖެހިލުމެއްނެތި ކަމަށާއި މިއީ މާތް ﷲ ޙަރާމްކުރައްވައިފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ހުތުބާގައި ބުންޏެވެ.

ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ރޯދަވެރިޔާގެ ކިބައިގައި ރަޙުމާއި، ކުލުނު އުފެދުން ހިމެނޭ ކަމަށާއި ރޯދައަށް ހުންނަ ހިނދު އިޙްސާސްވާ ކަރުހިއްކުމާއި، ބަނޑުހައިހޫނުކަމުގެ ސަބަބުން، މުޅި އަހަރު ހައިހޫނުކަމުގައި އުޅޭ ނިކަމެތި ފަޤީރުންނާއި، މިސްކީނުންގެ އިޙްސާސްތައް ދެނެގަނެވޭނެ ކަމަށް ބުނެފައިވެ އެވެ. އަދި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އޭނާގެ ނަފުސު އެދި ގޮވާނެ ކަމަށާއި އެ ރިވެތި އަޚްލާޤީ ސިފަތަކުގެ ސަބަބުން، ރޯދަވެރިޔާގެ ނަފުސު ޠާހިރުކޮށް ޒީނަތްތެރިކޮށްދިނުމުގެ އިތުރަށް ދޮގުހެދުމާއި، ޒުވާބުކުރުމާއި، ހަޑިހުތުރު ބަސްތަކުން މީހުންނާ މުޚާޠަބުކުރުމުން މީހާ އެއްކިބާކުރުވާ ކަމަށްވެސް ހުތުބާގައި ވަނީ ބުނެފަ އެވެ.

މިފަދަ ގޮތަކަށް އަރައިރުންވެ، ޒުވާބުކޮށް އުޅޭ މީހުންގެ ރޯދައިން އެ މީހުންނަށް ލިބޭނެ މާގިނަ ޘަވާބެއް ނެތްކަން އަންގަވައި، ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވެއެވެ. "ދޮގު ވާހަކަދެއްކުމާއި އެފަދަ އަމަލުތައް ކުރުމާއި، ޒުވާބުކޮށް ހުތުރު އެއްޗެހި ގޮވައި، ޖާހިލުކަން އިސްކޮށް އުޅޭ މީހަކު، ކެއުމާއި ބުއިމުން ދުރުހެލިވެ ހުރުމަކަށް، މާތްﷲ ބޭނުންވެވޮޑިއެއް ނުގަންނަވައެވެ." ހުތުބާގައި ވެ އެވެ.

ހުތުބާގައި ވަނީ ރޯދަ ފަރުޟުކުރެއްވުނު ޙިކުމަތާއި، އޭގެ ފައިދާ ޙާޞިލުކުރެވޭނީ، މާތްﷲ އެންގެވިގޮތަށް، ރޯދަ ހިފައިގެން ކަމަށާއި އަދި ރޯދަ ހިފުމުގައި ކީރިތި ރަސޫލާގެ ސުންނަތަށް ތަބަޢަވެގެން ކަމަށްވެސް ބުނެފަ އެވެ.