Last Updated: April 9, 22:41
Wednesday, April 9, 2025
ޚަބަރު

ފަނޑިޔާރުންނަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވީ ކުރީ ސަރުކާރުން

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް- ފޮޓޯ: ރައީސް އޮފީސް

ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައިވަނީ ކުރީ ސަރުކާރުން ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އުޝާމް ވިދާޅުވީ 2019 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ޖޭއެސްސީން ފަނޑިޔާރުންނަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައިވަނީ ކޮން ދުވަސްވަރެއްގައިކަން ވަރަށް ސާފު ކަމަށެވެ.

"ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ނިންމާ ނިންމުމަކާ ގުޅިގެން 'ސްލޫކީވުން' ނިމުމަކަށް ގެނައީ ނޮވެމްބަރު 2023 އިން ފެށިގެން" އުޝާމް ވިދާޅުވި އެވެ.

އުޝާމް މިހެން ވިދާޅުވެފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވީ ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށް އެ ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލިގޮތަކަށް ސަސްޕެންޑް ކުރުމާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އޭސީސީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކުއްލި ގޮތަކަށް ޖޭއެސްސީން ސަސްޕެންޑުކުރީ ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރެވެ. މީގެތެރެއިން ސުއޫދު މިހާރު ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފަ އެވެ.