އިމިގްރޭޝަން ވޮޗްއަށް ލިބުނު ރިޕޯޓަކާ ގުޅިގެން ހިންގި ހާއްސަ ރެއިޑު އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، 32 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން މިއަދ ބުނީ ބުނީ އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މިދިޔަ މަހު އިމިގްރޭޝަން ވޮޗަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކަމަށެވެ. އެގޮތުން އޮޕަރޭޝަންގައި ރެއިޑްކުރި މއ. ހިތިލާގެ ދޭކުން އާންމު ގޮތެއްގައި ގަނޑުކުރި މަހާއި ތަރުކާރީ އަދި އެހެނިހެން ކާނާގެ ބާވަތްތައް ސަޕްލައިކުރާ މަންޒަރު އަބަދުވެސް ފެންނަ ކަމަށް ބުންޏެވެ. އެ ތަކެތީގެ އިތުރުން ގިނަ އަދަދެއްގެ ގޭސް ސިލިންޑަރު ވެސް އެ އިމާރާތަށް ގެންދާ ކަމަށް އިމިގްރޭޝަނުން އާންމުކުރި ވީޑިއޯއެއްގައި ބުންޏެވެ.
އެގޮތުން މެންދުރު ކާގަޑިއަށް ގިނަ އަދަދެއްގެ ބަތް ޕާރުސަލް ޑެލިވަރީކުރަން އެ ގެއިން މީހުން ނިކުންނަ މަންޒަރާއި ޑެލިވަރީކުރަން ގެންގުޅޭ ސައިކަލުތައް އިމާރާތް ކައިރީގައި ހުންނަ މަންޒަރު ފެންނަ ކަމަށް ބުންޏެވެ.
"މިއީ ގިނަ އަދަދަކަށް އެއްފަހަރާ ކެއްކުމުގެ އިތުރުން ގިނަ އަދަދެއްގެ ބިދޭސީން ތިބުމުގެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ ތަނެއްކަން ވެސް ރިޕޯޓުގައިވޭ." އިމިގްރޭޝަނުން ބުންޏެވެ.
އެގޮތުން ބުދަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އެ އިމާރާތުގައި ދިރިއުޅެމުން ދިޔަ 76 ބިދޭސީއެއްގެ ލިޔެކިޔުން ޓާސްކް ފޯހުން ޗެކްކޮށްފައިވެ އެވެ. އޭ ތެރެއިން ސައްހަ ވިސާއެއް ނެތި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ މީހުންނާއި ވަޒީފާދިން ފަރާތަށް ފިލައިގެން އުޅޭ މީހުން ހިމެނޭހެން 32 ބިދޭސީއެއް މިހާރު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ގަވައިދާ ހިލާފަށް އުޅޭ މީހުން ހޯދައި އިމިގްރޭޝަނުން އަންނަނީ އެފަދަ މީހުން ޑީޕޯޓް ވެސް ކުރަމުންނެވެ. އެގޮތުން މިހާތަނަށް 6،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފައިވެ އެވެ.