ޝާހްރުކް ޚާނާއި ދަރިފުޅު ސުހާނާ ޚާން އެކީގައި ކުޅެން ހަމަޖެހިފައިވާ ފިލްމު "ކިންގް" ގެ ޝޫޓިން ފަށާނީ އަންނަ މެއި މަހުގެ ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ދެހާސް ތޭވީހުގެ ފަހުކޮޅުން ފެށިގެން މި ފިލްމުގެ ވާހަކަ ދެކެވެމުން އަންނަ އިރު، އެކި ފަހަރު މަތިން ޝޫޓިން ލަސްވެފައިވެ އެވެ. މީޑިއާތަކުން ބުނީ "ކިންގް" ޝޫޓިން ލަސްކުރި މައިގަނޑު ސަބަބަކީ ޑައިރެކްޓަރު ސިދާތު އާނަންދު، ފިލްމުގެ ސްކްރިޕްޓް ޕޮލިޝް ކުރަން ބޭނުންވާތީ އެކަމަށް އިތުރު ވަގުތު ނަގާތީ އެވެ.
ނަމަވެސް މިހާރު ޕްލޭންކޮށްފައި އޮތް ގޮތުން މެއި މަހުގެ ތެރޭގައި މުމްބާއީގައި ފިލްމުގެ ޝޫޓިން ފެށުމަށް ފަހު، މީގެ ޝޫޓިން ޝެޑިއުލްތަކެއް ބޭރުގެ ބައެއް ގައުމުތަކުގައި ވެސް ކުރިއަށް ގެންދާނެ އެވެ. އެކަން ސިދާތު ބޮލީވުޑް ހަންގާމާ އަށް ކަށަވަރު ވެސް ކޮށް ދީފައިވެ އެވެ.
އެކްޝަން ތުރިލާއެއްގެ ގޮތުގައި ހަދާ "ކިންގް" އަކީ ޝާހްރުކްގެ ފިލްމު ކުންފުނި ރެޑް ޗިލީސް އެންޓަޓައިންމަންޓާއި ސިދާތުގެ މާފްލިކްސް ޕިކްޗާސް ގުޅިގެން ހަދާ ފިލްމެކެވެ. ޝާހްރުކްގެ 2023 ގެ "ޕަތާން" ވެސް ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މާފްލިކްސްގެ ފުރަތަމަ ފިލްމުގެ ގޮތުގައި މިދިޔަ އަހަރު ގެނެސްދިން ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯންގެ "ފައިޓާ" އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ކިންގް" ގެ ވިލަން އަކީ އަބީޝެކް ބައްޗަނެވެ. އަދި މީގެ ކާސްޓްގައި މިދިޔަ އަހަރުގެ ކާމިޔާބު ހޮރޯ-ކޮމެޑީ "މުންޖިއާ" ގެ ބަތަލު އަބޭ ވަރުމާ ވެސް ހިމެނެ އެވެ.
"ކިންގް" ވާނީ ސުހާނާގެ ދެވަނަ ފިލްމެވެ. އޭނަގެ ފުރަތަމަ ފިލްމަކީ 2023 ގެ "ދި އާޗީސް" އެވެ.