ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު އާދީއްތަ ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރުވާން އަންގައިފި އެވެ.
އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުވާން އެންގީ އާދީއްތަ ދުވަހު ހެނދުނު 11 ޖަހާއިރު ކަމަށްވާއިރު، މަހާޒު ހާޒިރުވާން އެންގީ އެ ދުވަހު މެންދުރުފަހު 1 ޖަހާއިރަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ޖޭއެސްސީން އަޒްމިރަލްދާއާ އާއި މަހާޒްއާ ގުޅޭގޮތުން ބަލަމުން އަންނަ ސުލޫކީ މައްސަލައަކީ ފަނޑިޔާރަކަށް ބިރުދެއްކުމާ ގުޅޭ މައްސަލައެކެވެ.
ޕާޓީ ބަދަލުކުރުމުން މަޖިލީހުގެ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ސަރުކާރުން ގެނެސްފައިވާ އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެ ކޯޓުގެ ފަނޑިޔާރުންގެ ބަންޗަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރައްވައި އެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ދާދިފަހުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑް ކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ހުށަހެޅި ބިލު މަޖިލީހުން ފާސްކުރިތާ މާގިނަ އިރުތަކެއް ނުވެ އެވެ.