Last Updated: April 10, 10:47
Thursday, April 10, 2025
ޚަބަރު

ކަރަންޓު މައްސަލަ ހައްލުވަންދެން މުޒާހަރާ ކުރާނަން

އައްޑޫ ސިޓީގެ ކަރަންޓު މައްސަލަ ހައްލުވަންދެން މުޒާހަރާ ކުރާނެ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ނުވެ ދިގުލައިގެން ގޮސްފައިވާތީ ހިތަދޫގައި ހުންނަ ފެނަކަ އޮފީސް ދޮށުގައި މިއަދު ހަވީރު ވަނީ އިހުތިޖާޖެއް ބާއްވާފަ އެވެ. މި އިހުތިޖާޖުގައި މޭޔަރު ނިޒާރު އާއި އައްޑޫ ކައުންސިލްގެ ބައެއް މެމްބަރުން ބައިވެރިވިއިރު، އިހުތިޖާޖުގައި ބައިވެރިވި ފަރާތްތަކުން ތިބީ ކަރަންޓު ކެނޑޭ މައްސަލައާ ގުޅޭ ތަފާތު އެކި ޝުއޫރުތައް ހިމެނޭ ބޯޑުތައް ހިފައިގެންނެވެ.

މި އިހުތިޖާޖުގައި ވާހަކަދައްކަމުން ނިޒާރު ވިދާޅުވީ ކަރަންޓު މައްސަލައިގައި އައްޑޫ ކައުންސިލުން ނުކުރާ މަޝްވަރާއެއް ނެތް ކަމަށާއި އަދި މިކަން ހައްލުކޮށްދިނުމަށް އެދި ނުކުރާ އާދޭހެއް ވެސް ނެތް ކަމަށެވެ. ނަމަވެސް ކަރަންޓު ކެނޑޭ މައްސަލަ ހައްލުނުވެ ދިގުލައިގެން ގޮސްފައިވާ ކަމަށާއި އަދި އަމުދުން ރޯދަ މަހު އައްޑޫ ރައްޔިތުން މިހާ ހާލުގައި ބައިތިއްބާނެ ކަމަށް އުއްމީދު ވެސް ނުކުރާ ކަމަށް ނިޒާރު ވިދާޅުވި އެވެ.

ކަރަންޓު މައްސަލައަށް ހައްލެއް ހޯދުމަށް އައްޑޫ ކައުންސިލް ނިކުމެ އޮތީ "ލަދު ކަނޑާލުމަށްފަހު" ކަމަށާއި ޕީއެންސީގެ ބައެއް މަޖިލިސް މެމްބަރުންނަށް މިފަދަ ކަންކަން ލަދުވެތި ކަމަކަށްވީ ނަމަވެސް މުޒާހަރާ ކުރުމަކީ އައު ކަމެއް ނޫން ކަމަށް ނިޒާރު ވިދާޅުވި އެވެ.

އަދި އައްޑޫގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކަ އަކީ ބަނގުރޫޓުވެފައި އޮތް ކުންފުންޏެއް ކަމަށާއި އެ ކުންފުންޏަށް ރަނގަޅަށް އައްޑޫ އަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ނުދެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"މިކަމަކީ ހުއްޓޭނެ ކަމެއް ނޫން. އައްޑޫގެ ކަރަންޓު ހައްލުކޮށް ނުދެނީސް އެކަނި ނިކުންނަން ޖެހުނަސް ނިކުމެ މިކަން ކުރާނަން،" ނިޒާރު ވިދާޅުވި އެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތައް ކަމަށްވާ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫން ކަރަންޓް ކެނޑޭ މައްސަލަ މި ރޯދަ އަށް ހައްލު ކުރަން 1.8 މެގަވޮޓްގެ ޖެނެރޭޓަރެއް ގެނެސް ބޭނުން ކުރަން ފެށި ނަމަވެސް މައްސަލަ އަށް ހައްލެއް ނުވެ އެވެ. އެހެންވެ ފެނަކައިން މިހާރު ނިންމާފައި ވަނީ އަނެއްކާ ވެސް 1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް ގެންނާށެވެ.

މިކަމާ ގުޅޭ ގޮތުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވީ މި މައްސަލަ ހައްލު ކުރުމަށް އަންނަ ހަފުތާ ތެރޭގައި އިތުރު ޖަނަރޭޓަރެއް އައްޑު އަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.