Last Updated: April 9, 22:41
Wednesday, April 9, 2025
ޚަބަރު

ފަނޑިޔާރުންނާ ދެކޮޅަށް ރޭވުމެއް ރޭވި ވާހަކައަކީ ދޮގެއް

ޤާސިމް އިބްރާހިމް- ފޮޓޯ: ޖޭޕީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރޯޔަލް އައިލެންޑު ރިޒޯޓުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް ސިއްރު ރޭވުމެއް ރޭވިކަމަށް ބުނެ ދައުރުކުރަމުންދާ ވާހަކަތައް އޭނާ ދޮގުކުރައްވައިފި އެވެ.

މިމަހުގެ 5 ވަނަ ދުވަހު، "ދިޔަވަރު.ކޮމް"ގެ ނަމުގައި ހިންގާ އޮންލައިން ނޫހެއްގައި، "ސުޕްރީމްކޯޓު ފަނޑިޔާރުންނާއި ދެކޮޅަށް ރޭވި ސިއްރު ރޭވުން" މި ނަމުގައި ވަނީ އާޓިކަލެއް ލިޔެފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ މި އާޓިކަލަކީ އެއްވެސް ހަޤީޤަތެއް ނެތް ބުހުތާނު ވާހަކަތަކެއް ކަމަށާއި މިފަދަ ލިޔުންތައް ލިޔެ ޝާއިއުކުރާ މީހުންނަކީ މިފަދަ ދޮގު ޚަބަރު ފެތުރުމުގައި ހުރި ނުބައިކަމާއި، ފާފަވެރިކަން އެނގިތިބެ، މުޖުތަމަޢު ފަސާދަ ކުރުމުގެ ބޭނުމުގައި އެފަދަ ޢަމަލުތަައް ތަކުރާރުކޮށް ކުރާ މީހުން ކަމަށެވެ.

މި އާޓިކަލްގައި ހަޤީޤަތެއް ނެތް މިންވަރުގެ ފުރިހަމަ އެއް މިސާލަކީ، 2025 ވަނަ އަހަރު ޖަނަވަރީ މަހު، މާލެއިން ރޯޔަލް އައިލެންޑަށް މަޖިލިހުގެ ނައިބް ރައީސް އަޙްމަދު ނާޒިމް ވަޑައިގެން ޤާސިމް އާއި، އުއްތަމަ ފަނޑިޔާރާއި، މުހައްމަދު ޝިހާބު ރޯޔަލް އައިލަންޑުގައި ބައްދަލު ކުރެއްވި ކަމަށްލިޔެފައި ވުން ކަމަށް ގާސިމް ވިދާޅުވި އެވެ.

ޤާސިމް ވިދާޅުވީ އަމިއްލަ ކުންފުނިން ހިންގާ ރިސޯޓެއް ނަމަވެސް ރޯޔަލް އައިލެންޑަށް ވަޑައިނުގަންނަވާތާ މިހާރު 3 އަހަރު ވެދާނެ ކަމަށާއި އަދި އެންމެ ފަހުން ރޯޔަލް އައިލަންޑަށް ވަޑައިގެންނެވީ 2022 ވަނަ އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހު އޮތް ށ އަތޮޅު ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައިއިލެކްޝަން ގައި ކޮމަންޑޫ ދާއިރާއަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގަ ކަމަށެވެ.

މިއާޓިކަލްގައި ބަޔާންކޮށްފައިވާ މުޙަައްމަދު ޝިހާބުވެސް އަދި މިހާރުގެ އުއްތަމަ ފަނޑިޔާރުވެސް 2024 އަދި ހިނގަމުން މިދާ 2025 ވަނަ އަހަރުގެ މިހިސާބަށް ވެސް ރޯޔަލް އައިލަންޑް ރިސޯޓަށް އެއްވެސް ބޭނުމަކު ވަޑައިގެންފައި ނުވާ ކަމަށް ޤާސިމް ވިދާޅުވި އެވެ.

އެހެންކަމުން، މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ޝިހާބާއި އެމަނިކުފާނުގެ އާއިލީ ބޭފުޅެއްކަމުގައިވާ މިހާރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އާއި، މިހާރުގެ މަޖިލީހުގެ ނާއިބު ރައީސް އަޙްމަދު ނާޒިމު އާއި ގުޅުވައިގެން ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް އެއްވެސް ހަޤީޤަތެއް ނެތި ސިޔާސީ ބޭނުމުގައި ވަކި ބަޔަކު އޮންލައިން ނޫސްތަކުގައި ފަތުރާ އަދި ފަތުރަމުން ދާ މިފަދަ ދޮގު ވާހަކަތައް ހުއްޓުވައި ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ޤާސިމް ވަނީ ގޮވާލައްވާފަ އެެވެ.

ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ، ހަޤީޤަތެއް ނެތް ދޮގުވާހަކަ ފަތުރާ ސިޔާސީ މަޤްޞަދުތައް ހާސިލް ކުރުމުގެ ބޭނުމުގައި މުޖުތަމަޢު ފަސާދަ ކުރުމަށް އޮތް ލައިސަންސެއް ކަމަށް ދެކި، މިފަދަ ޢަމަލުތައް ތަކުރާރުކުރާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅިގެން ނޫނީ މިފަދަ ކަންކަން ހުއްޓުމަކަށް ނާންނާނެ ކަމަށް ވެސް ޤާސިމް ވަނީ ވިދާޅުވެފަ އެެވެ.