އައްޑޫން ކަރަންޓް ކެނޑޭ މައްސަލައިގައި އައްޑޫ މޭޔަރު އަލީ ނިޒާރާއި އިތުރު ކައުންސިލަރުންތަކެއް މަގުމައްޗަށް ނުކުންނަވައި މުޒާހަރާ ކުރެއްވުމަކީ ކުރެއްވުމަކީ ލަދުވެތި ކަމެއް ކަމަށްވާ ޕީއެންސީ އަށް ނިސްބަތްވާ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ވިދާޅުވެއްޖެ އެވެ.
ފެނަކައާ ދެކޮޅަށް މުޒާހަރާ ކުރަން ނުކުތީ އިއްޔެ ހަވީރު އެވެ. އެ މުޒާހަރާގައި ނިޒާރާއި އައްޑޫ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއުގެ އިތުރުން ހިތަދޫ ރަސްގެދަރި ދާއިރާގެ ކައުންސިލަރު ހުސައިން ޒަރީރު އިސްކޮށް ބައިވެރިވެވަޑައިގެންނެވި އެވެ.
އެކަމާ ގުޅިގެން އެ ބޭފުޅުންނަށް ފާޑު ވިދާޅުވެ ނިޒާރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އައްޑޫގެ ކަރަންޓްގެ ހާލަތު ދަށްވެ، ގޯސްވަމުން އައި އިރު އޮތީ މި ހަމަ ކައުންސިލް ކަމަށެވެ. އެކަމަކު ކުރިން މުޒާހަރާ އަށް ކިތައް ފަހަރު ނުކުތްތޯ އާއި އެކަމާ ދެކޮޅަށް ކިތައް ބަޔާން ނެރުނުތޯ ސުވާލު ކުރައްވާފައިވެ އެވެ.
"ތިމާމެން ތާއީދުކުރާ ސަރުކާރު އޮތް އިރު ވަކި ގޮތަކަށް، ތިމާމެން ތާއީދު ނުކުރާ ސަރުކާރެއް އޮތީމަ ވަކި ގޮތެއް ގެންގުޅުމަކީ ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން މަސައްކަތް ކުރަން ޖެހޭ ބައެއްގެ އަމަލު ހުންނަން ވާނެ ގޮތެއް ނޫން." އޭނަ ވިދާޅުވި އެވެ.
އައްޑޫން ކަރަންޓް ކެނޑޭ މައްސަލައިގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ އިރު، ނިޒާރު ކުރިން ކުރެއްވި ޕޯސްޓެއްގައި ކަރަންޓްގެ ހާލަތު ގޯސްކުރީ ކުރީގެ ސަރުކާރުން ކަމަށާއި މިދިޔަ އެމްޑީޕީ ސަރުކާރުގައި މީގެ ކުރިން އައްޑޫގެ ކަރަންޓްގެ ހާލަތު ގޯސްނުވާ ވަރަށް ގޯސްކޮށްފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.
އޭނަ ވިދާޅުވެފައި ވަނީ މި ސަރުކާރުން އަންނަނީ ކަރަންޓްގެ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިކަމުގައި ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށާއި މައްސަލަ އަކީ ހަމައެކަނި އިންޖީނުތަކުގެ މައްސަލައެއް ވެސް ނޫން ކަމަށެވެ.
"ކަރަންޓްގެ ހިދުމަތަކީ ސިޔާސީ ކަމަކަށް ނުހަދައި ރައްޔިތުންނަށް އިހްލާސްތެރިކަމާ އެކީ ފޯރުކޮށް ދޭން ޖެހޭ އަސާސީ ހިދުމަތެއްކަން އެންމެންނަށް އެނގޭ،" ނިޒާރު ވިދާޅުވެފައިވެ އެވެ. "އެ މަގުން ކުރިއަށް ދިޔައިމަ މިހާރަށް ހާލަތު ރަނގަޅު ވާނެ."
އިއްޔެ ބޭއްވި މުޒާހަރާއި މޭޔަރު ވަނީ ކަރަންޓް މައްސަލަ ހައްލު ވަންދެން މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށެވެ.
އޭނަ ވިދާޅިވީ ކަރަންޓު މައްސަލައަށް ހައްލެއް ހޯދުމަށް ކައުންސިލް ނިކުމެ އޮތީ "ލަދު ކަނޑާލުމަށް ފަހު" ކަމަށާއި ޕީއެންސީގެ ބައެއް މަޖިލިސް މެމްބަރުންނަށް މިފަދަ ކަންކަން ލަދުވެތި ކަމަކަށްވީ ނަމަވެސް މުޒާހަރާ ކުރުމަކީ އައު ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ އައްޑޫގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކަ އަކީ ބަނގުރޫޓުވެފައި އޮތް ކުންފުންޏެއް ކަމަށާއި އެ ކުންފުންޏަށް ރަނގަޅަށް އައްޑޫ އަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ނުދެވޭނެ ކަމަށެވެ.
"މިކަމަކީ ހުއްޓޭނެ ކަމެއް ނޫން. އައްޑޫގެ ކަރަންޓު ހައްލުކޮށް ނުދެނީސް އެކަނި ނިކުންނަން ޖެހުނަސް ނިކުމެ މިކަން ކުރާނަން." އޭނަ ވިދާޅުވި އެވެ.