Last Updated: April 11, 18:01
Friday, April 11, 2025
ޚަބަރު

ކުޅިވަރު ކުރިއަރުވަން ލަންކާއާ މަޝްވަރާކޮށްފި

ކުޅިވަރު ދާއިރާ ކުރިއެރުވުމާ ގުޅޭ ގޮތުން ރާއްޖެ އާއި ސްރީ ލަންކާ އިން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާ ކުރިއަށް ގެންދިޔައީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިޢު އާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ލަންކާގެ ސަފީރު ޑީ. އަމާނުﷲ އާ ދެމެދުގަ އެވެ.

މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި، ފިޢު ވަނީ ކުޅިވަރު ކުރިއެރުވުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކާއި ކުރިއަށް ރޭވިފައިވާ ޕްލޭންތައް ސަފީރާ ހިއްސާކުރައްވައިފައެވެ. އަދި އެ ޕްލޭންތައް ތަންފީޒުކުރުމުގައި ލަންކާ އިން އެހީތެރިވެދެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

އެގޮތުން ދެ ގައުމުގެ ގައުމީ ޓީމުތަކުން ގުޅިގެން މަސައްކަތްކުރުމާއި، ތަމްރީނު ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ބައްދަލުވުމުގައި މަޝްވަރާކުތި އެވެ. ވަކިން ހާއްސަކޮށް ޓޭބަލް ޓެނިހާއި ވޮލީ ފަދަ، ދެ ގައުމުން ވެސް އެއްހަމައެއްގައި ކުޅޭ ކުޅިވަރުތަކަށް އިސްކަންދީގެން ޓްރެއިނިންގ ކޭމްޕްތައް ބޭއްވުމަށް މަޝްވަރާތަކެއް ކުރެވުނެވެ.

ލަންކާ އަކީ މީގެ ކުރިން ވެސް ކުޅިވަރުގެ ދާއިރާ އިން ރާއްޖެ އަށް އެހީވެފައިވާ ގައުމެކެވެ. އެގޮތުން ރާއްޖޭގެ ގިނަ ކުޅިވަރު ޓީމުތަކުން ލަންކާގައި ތަމްރީނު ކޭމްޕްތައް ބާއްވާފައިވެ އެވެ.