އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިން ބޭނުންކޮށްގެން ހަދާފައިވާ އެކްޓަރުންނާ އެކު ގެނެސްދޭ ފިލްމެއް އިންޑިއާގައި ބޮޑު ސްކްރީނަށް ގެންނަން ތައްޔާރުވާން ފަށައިފި އެވެ.
"ނައިޝާ" ގެ ނަން ދީފައިވާ މި ފިލްމުގައި ދައްކުވައި ދޭނީ ނައިޝާ ބޯސް އާއި ޒައިން ކަޕޫރް ކިޔާ އޭއައި ކެރެކްޓާތަކެއްގެ ލޯބީގެ ވާހަކަ އެވެ. ފިލްމުގެ ޓްރެއިލާ ވެސް މިހާރު އާންމުކޮށްފައިވާ އިރު، ސިނަމާތަކަށް ފިލްމު ދޫކޮށްލަން ހަމަޖެހިފައި ވަނީ މެއި މަހުގެ ތެރޭގަ އެވެ.
އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ. "ނައިޝާ" ގެ ޑައިރެކްޓަރަކީ ވިވެކް އަންޗާލިއާ އެވެ.
އޭއައިގެ ނުފޫޒު މިހާރު މުޅި ދުނިޔޭގައި ވެސް ގަދަވަމުން އަންނަ އިރު، ކުރިއަށް އޮތް ތަނުގައި މީގެ ވަކި އެންމެ ބޮޑަށް ހިތްޕައިލާނެ ދާއިރާ އަކީ ސިނަމާ ކަމަަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
އިންޑިއާ އިން މުޅިން އަލަށް، މުޅި ފިލްމު އޭއައިގެ އެހީގައި ތައްޔާރުކޮށް ގެނެސްދޭން މަސައްކަތްކުރާ އިރު، ބޮލީވުޑްގެ ތަރި އަޖޭ ދޭވްގަން އިސްވެ ހުރެ ވެސް ވަނީ އޭއައި ފިލްމު ކުންފުންޏެއް އުފައްދައިފަ އެވެ. އޭނައާ އެކު އެކްޓަރު ވަތުސަލް ސޭތު ވެސް ހިއްސާވާ ކުންފުނީގެ ނަމަކީ ޕްރިސްމިކްސް ސްޓޫޑިއޯސް އެންޓަޓައިންމަންޓް ރިޑައިން އެވެ.