Last Updated: April 10, 10:54
Thursday, April 10, 2025
ޚަބަރު

އައްޑޫން އަނެއްކާ ވެސް ކަރަންޓު ކަނޑަން ފަށައިފި

ކަރަންޓް ކެނޑޭތީ އައްޑޫގައި އިއްޔެ ކުރި މުޒާހަރާގެ ތެރެއިން.

ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ އައްޑޫގެ އެކި އަވަށްތަކުން އަނެއްކާވެސް ކަރަންޓް ކަނޑަން ފަށައިފި އެވެ.

ފެނަކައިގެ ހިތަދޫ ބްރާންޗުން ބުނީ މިއަދު ކަރަންޓު ބޭނުންކުރާ މިންވަރު މަތިވެ، ލޯޑު ރެކޯޑު މިންވަރަކަށް މަތިވަމުންދާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. މިވަގުތު ވެސް ސެންޓްރަލް ޕަވާ ސްޓޭޝަނުގައި ތިން އިންޖީނެއްގެ މަރާމާތު މަސައްކަތް ކުރިއަށްދާއިރު އިތުރަށް ލޯޑު މަތިވާނަމަ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ބައެއް ސަރަހައްދުތަކުން އެއް ގަޑިއިރަށް ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން ޖެހުން އެކަށީގެންވާ ކަމަށް ވަނީ ބުނެފަ އެވެ.

އެގޮތުން ހިތަދޫގެ ދެ ސަރަހައްދަކުން މިވަގުތު ވެސް ކަރަންޓުގެ ހިދުމަތް ވަނީ މެދުކަނޑާލައިފަ އެވެ.

އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ނުވެ ދިގުލައިގެން ގޮސްފައިވާތީ ހިތަދޫ ފެނަކަ އޮފީސް ދޮށުގައި އިއްޔެ ހަވީރު ވަނީ އިހުތިޖާޖެއް ވެސް ބާއްވާފަ އެވެ. މި އިހުތިޖާޖުގައި މޭޔަރު ނިޒާރު އާއި އައްޑޫ ކައުންސިލްގެ ބައެއް މެމްބަރުން ބައިވެރިވިއިރު، އިހުތިޖާޖުގައި ބައިވެރިވި ފަރާތްތަކުން ތިބީ ކަރަންޓު ކެނޑޭ މައްސަލައާ ގުޅޭ ތަފާތު އެކި ޝުއޫރުތައް ހިމެނޭ ބޯޑުތައް ހިފައިގެންނެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތައް ކަމަށްވާ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫން ކަރަންޓް ކެނޑޭ މައްސަލަ މި ރޯދަ އަށް ހައްލު ކުރަން 1.8 މެގަވޮޓްގެ ޖެނެރޭޓަރެއް ގެނެސް ބޭނުން ކުރަން ފެށި ނަމަވެސް މައްސަލަ އަށް ހައްލެއް ނުވެ އެވެ. އެހެންވެ ފެނަކައިން މިހާރު ނިންމާފައި ވަނީ އަނެއްކާ ވެސް 1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް ގެންނާށެވެ.

މިކަމާ ގުޅޭ ގޮތުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވީ މި މައްސަލަ ހައްލު ކުރުމަށް އަންނަ ހަފުތާ ތެރޭގައި އިތުރު ޖަނަރޭޓަރެއް އައްޑު އަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.