Last Updated: April 7, 09:13
Monday, April 7, 2025
ޚަބަރު

ޔާމީން ވައްކަމުގެ ވާހަކަ ދައްކާތީ އަޖައިބުވޭ

މެންބަރު އިބްރާޙިމް ފަލާހު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވައްކަމުގެ ވާހަކަ ދައްކާތީ އަޖައިބުވާ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހަކީ ނަމޫނާ މަޖިލީހެއް ކަމަށާއި އެހެން އެކަންވާ ސަބަބަކީ ސަރުކާރުން މަޖިލީހައް އަތް ނުބާނާތީ ކަމަށެވެ. ނަމަވެސް ޔާމީންގެ ވެރިކަމުގައި އޮތް 18 ވަނަ މަޖިލީހަށް ޔާމީނާއި އަނބިކަނބަލުން ފާތުމަތު އިބްރާހީމް ވެސް ނުފޫޒު ފޯރުވި ކަމަށް ފަލާހު ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ އަޖައިބުވޭ ޔާމީނުު ޖުޑިޝަރީގެ ވާހަކަ އާއި ކޯޓުތަކުގެ ވާހަކަ ދައްކާތީ. އަދި މާ އަޖައިބުވޭ ވައްކަމުގެ ވާހަކަ ދައްކާތީ. އެއަށް ވުރެ އަޖައިބުވޭ އަނިޔާވެރި ކަމުގެ ވާހަކަ ދައްކާތީ،" ފަލާހު ވިދާޅުވި އެވެ.

ފަލާހު ވަނީ އެ ވާހަކަތައް އެ ދައްކަނީ ޔާމީންތޯ ބައެއް ފަހަރު ހަގީގަތުގައި ވެސް ހިތަށް އަރާ ކަމަށް ވިދާޅުވެފަ އެވެ.

"މި ގައުމުގެ 15 އަހަރުން މަތީ ކޮންމެ ރައްޔިތަކާ މި ސުވާލުތައް ކޮށްލަ ބަލަ ލިބެނީ މި ޖަވާބު ނޫންތޯ ބަލަން ގައުމަށް އެއްމެ ބޮޑު ޚިޔާނާތެއްވީ ކާކު؟ ޖަވާބު ޔާމީނު. މި ގައުމުގަ އެއްމެ އަނިޔާވެރި ވެރިކަމެއް ކުރީ ކާކު؟ ޖަވާބު ޔާމީނު. މި ގައުމުގެ ޖުޑީޝަރީ ފުޑާލާ ކޯޓްތަކުން ޓިނުނަގައި ކޯޓުތަކަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވީ ކާކު؟ ޖަވާބު ޔާމީނު." ފަލާހު ވިދާޅުވި އެވެ.

މީގެ އިތުރުން ފަލާހު ވަނީ، މަޖިލީހުގެ 12 މެމްބަރުން ދެ އަހަރު މަގުމަތި ކޮށް، މަޖިލީސް މެމްބަރުން މަޖިލީހަށް ވަނަ ނުދީ އަނިޔާވެރިކޮށް މަޖިލީސް ހިސޯރު ކުރީ ވެސް ޔާމީނު ކަމަށް ވިދާޅުވެފަ އެވެ.

ފަލާހު މިހެން ވިދާޅުވެފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވީ ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށް އެ ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލިގޮތަކަށް ސަސްޕެންޑް ކުރުމާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.