ދިވެހިންގެ އެހީގައި ފަލަސްތީނުގެ ގާޒާގައި ބޮޑު ރޯދަ ވީއްލުމެއް ބާއްވައިފި އެވެ.
ގާޒާގައި މި ރޯދަ ވީއްލުން އިއްޔެ ބާއްވާފައިވަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ފަރާތުންނެވެ.
އައިއޭސީން ބުނިގޮތުގައި މި ރޯދަ ވީއްލުމުގައި އެތައް ސަތޭކަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.
އެ ޖަމިއްޔާ އިން އަންނަނީ ގާޒާގައި ރޯދަވީއްލުމުގެ އިތުރު އިވެންޓްތަކަށާއި ރޯދަވީއްލުމުގެ ޕެކޭޖްތައް ބެހުން ފަދަ ތަފާތު ހަރަކާތްތައް ހިންގުމަށް ވެސް މަސައްކަތް ކުރަމުންނެވެ.
ގާޒާއަށް އިންސާނީ އެހީ ވެއްދުން އިޒްރޭލުން ދާދިފަހުން ހުއްޓުމަކަށް ގެނެސްފައިވާއިރު، އެކަން ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށްފަ އެވެ.
އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ 2023 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު، އެ ހަމަލާތަކުގައި ގާޒާ އިން 48،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެ، 100،000 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.
ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.