Last Updated: April 22, 17:12
Tuesday, April 22, 2025
ކުޅިވަރު

ލިވަޕޫލަށް 16 ޕޮއިންޓުގެ ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ސައުތެމްޓަން 3-1 އިން ބަލިކޮށް، އެއްވަނައިގައި ލިވަޕޫލުން 16 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ.

އެއްވަނައިގައި ލިވަޕޫޕް އޮތީ 29 މެޗުން 70 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި ލިވަޕޫލަށް ވުރެ ދެ މެޗު މަދުން ކުޅެ 54 ޕޮއިންޓާ އެކު އާސެނަލް އޮތްއިރު، ތިންވަނައިގައި 28 މެޗުން 51 ޕޮއިންޓާ އެކު އޮތީ ނޮޓިންހަމް ފޮރެސްޓް އެވެ. އަދި ހަތަރުވަނައިގައި 28 މެޗުން ލިބުނު 47 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ސިޓީ އެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ވިލް ސްމޯލްބޯން ވަނީ ސައުތެމްޓަނަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް މެޗުގެ 51 ވަނަ މިނެޓްގައި ޑާވިން ނުނޭޒް ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދިން އިރު، އޭގެ ތިން މިނެޓް ފަހުން ލިބުނު ޕެނަލްޓީއަކުން މުހައްމަދު ސަލާ ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ.

ލިވަޕޫލަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު މެޗުގެ 88 ވަނަ މިނެޓްގައި ލިބުނު އިތުރު ޕެނަލްޓީއަކުން ވެސް ކާމިޔާބުކޮށްދިނީ ސަލާ އެވެ. މި ދެ ގޯލާއެކު ލީގުގައި ސަލާ ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ 27 އަށް އަރާފަ އެވެ.

ލީގުގައި މިރޭ ނޮޓިންހަމް ފޮރެސްޓުން ވަނީ 1-0 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފަ އެވެ. ބްރައިޓަން އިން 2-1 އިން ފުލަމް ބަލިކުރިއިރު، ކްރިސްޓަލް ޕެލެސް އިން ވަނީ 1-0 އިން އިޕްސިވިޗްގެ މައްޗަށް ކުރި ހޯދައިފަ އެވެ.