Last Updated: April 19, 18:47
Saturday, April 19, 2025
މުނިފޫހިފިލުވުން

ކަންގަނާ އާއި މެޑީގެ ތުރިލާ ނިންމާލައިފި

އިންޑިއާގެ ހުނަރުވެރި ތަރިން ކަމަށްވާ ކަންގަނާ ރަނާވަތާއި އާރް މާދްވަން (މެޑީ) ގެ ސައިކޮލޮޖިކަލް ތުރިލާގެ ޝޫޓިން ނިންމައިފި އެވެ.

ދެހާސް ތޭވީހުގެ ޑިސެމްބަރު މަހުގެ ތެރޭގައި މަސައްކަތް ފެށި މި ފިލްމުގެ ޝޫޓިން ނިންމައިލި ވާހަކަ ފޮޓޯތަކަކާ އެކު ކަންގަނާ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފައިވެ އެވެ. ނަން އަދިވެސް ހާމަނުކުރާ މި ފިލްމަކީ ކަންގަނާގެ 2021 ގެ ފިލްމު "ތަލައިވީ" ގެ ޑައިރެކްޓަރު އޭއެލް ވިޖޭގެ ފިލްމެކެވެ.

ފިލްމުގެ ޝޫޓިން ނިންމައިލި ނަމަވެސް މިއާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމަކޮށްފައި ނުވާތީ، ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އިރެއް ވެސް އަދި ނޭނގެ އެވެ.

މި ފިލްމަކީ ކަންގަނާ އާއި މެޑީ އެކީގައި ކުޅުނު ތިން ވަނަ ފިލްމެވެ. ބެލުންތެރިންގެ މަގުބޫލު ޖޯޑަކަށްވެފައިވާ މި ދެ ތަރިން އެކީގައި ކުރިން ކުޅުނު ފިލްމުތަކަކީ 2011 ގެ "ތަނޫ ވެޑްސް މަނޫ" އާއި އޭގެ ދެވަނަ ބައި 2015 ގެ "ތަނޫ ވެޑްސް މަނޫ ރިޓާންސް" އެވެ. އެ ދެ ފިލްމަކީ ވަރަށް ކާމިޔާބު ދެ ފިލްމެވެ. އަދި ކަންގަނާ ޑަބަލް ރޯލއް ކުޅުނު "ތަނޫ ވެޑްސް މަނޫ ރިޓާންސް" އަކީ އޭނަ އަށް މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ވެސް ލިބުނު ފިލްމެކެވެ.

"ތަނޫ ވެޑްސް މަނޫ" ގެ ތިން ވަނަ ބައެއް ހެދުމުގެ ވާހަކަ ވެސް އޮތީ ދެކެވިފަ އެވެ.

މިހާތަނަށް ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ކަންގަނާގެ އެންމެ ފަހުގެ ފިލްމަކީ އޭނަ ޑައިރެކްޓްކޮށް، ކުޅެ މިދިޔަ ޖެނުއަރީ މަހު ގެނެސްދިން "އިމަޖެންސީ" އެވެ.