މިއީ ލަލިތު ޕަޓީދާރެވެ. އުމުރަކީ 18 އަހަރެވެ. ނިސްބަތް ވަނީ އިންޑިއާއާށެވެ. ލަލިތުގެ އަތުގައި ދުނިޔޭގެ ރެކޯޑެއް ވެސް އެބައޮތެވެ. ސުވާލަކަށް ވާނީ ކޮން ކަހަލަ ރެކޯޑެއް ހެއްޔޭ އެވެ؟
ޖަވާބަކީ މޫނުމަތީގައި އެންމެ އިސްތަށި ފިރިހެނާގެ ރެކޯޑެވެ. އިސްތަށިތަކުން ލަލިތުގެ މޫނުގެ 95 ޕަސެންޓް ފޮރިފައިވާ އިރު، އޭނަގެ މޫނުގެ ކޮންމެ އަކަ ސެންޓި މީޓަރެއްގައި 201.72 އިސްތަށި ހުރެ އެވެ. މި ސަބަބާ ހުރެ ލަލިތު ސިފަކުރަނީ އިންޑިއާ "ވެއާވުލްފް" ގެ ގޮތުގަ އެވެ.
އޭނަ އަށް މިފަދަ އާދަޔާހިލާފު ސިފައެއް ލިބުނީ ނާދިރު ބައްޔެއް ކަމަށްވާ ހައިޕަޓްރިކޯސިސް ނުވަތަ ވެއާވުލްފް ސިންޑްރޯމްގެ ސަބަބުންނެވެ. ލަލިތު ހިމެނެނީ އެ ބަލީގެ ޝިކާއަރަކަށްވި މިހާތަނަށްވި މަދު މީހުންގެ ތެރޭގަ އެވެ. މިހާތަނަށް ދުނިޔޭގައި ރިޕޯޓްކުރެވިފައި ވަނީ ހައިޕަޓްރިކޯސިސްގެ 50 ކޭހެވެ.
ލަލިތު ބުނި ގޮތުގައި އޭނަގެ އާދަޔާހިލާފު ސިފައިގެ ސަބަބުން މިހާތަނަށް ވަރަށް ގިނަ ބައެއްގެ މަލާމާތާއި ފުރައްސާރައާ ވެސް ކުރިމަތިލާން ޖެހިފައިވެ އެވެ. އެގޮތުން ވަކިން ހާއްސަކޮށް ސްކޫލް ދައުރުގައި ބުލީގެ ޝިކާރައަކަށް ވަރަށް ބޮޑަށްވި ކަމަށް ބުންޏެވެ.
"މިހާރު ވެސް އަހަރެން ފެނުނީމަ ބަލަހައްޓައިގެން މީހުން ތިބޭ. އަދި ސިފައާ ބެހޭ ގޮތުން އެކި ކަހަލަ ވާހަކަތައް ދައްކާ." ލަލިތު ބުންޏެވެ.
އޭނަ ކިޔައި ދިން ގޮތުގައި ބައެއް މީހުން އޭނަ ފެނިގެން ބިރުން ވެސް އުޅެ އެވެ. ނަމަވެސް މީހުންނާ ގާތްކަން އުފެދުމުން އެ ބިރު ފިލައި، އޭނަ އަކީ ހަމަ އާދައިގެ އިންސާނެއްގެ ގޮތުގައި މީހުން ދެކެން ފަށާ ކަމަށް ލަލިތު ބުންޏެވެ.
"ބޭރުން މި ފެންނަ ފެނުން އެހެން މީހުންނާ އަހަރެން ވަރަށް ތަފާތަސް، އަހަންނަކީ ހަމަ އާދައިގެ އިންސާނެއް އެތެރެ އާއި ބޭރުން ވެސް." އޭނަ ބުންޏެވެ.
ލަލިތު ބުނި ގޮތުގައި އޭނަ އަކީ މިހާރު ވަރަށް ހާއްސަ މީހެއްކަން އެނގެ އެވެ. އެހެންވެ ސިފައާ މެދު ކަންބޮޑުނުވާ ކަމަށާއި ސިފަ އަށް ބަދަލެއް ވެެސް ގެންނަން ބޭނުން ނުވާ ކަމަށް ބުންޏެވެ. ލަލިތު ބުނީ މޫނުމަތީގެ އިސްތަށި ގިނަ ފިރިހެނާގެ ގޮތުގައި އޭނަގެ ނަން ގިނިސް ވޯލްޑް ރެކޯޑަށް އެރުމަކީ އޭނަ ކިހާ ހާއްސަކަން ވެސް ސާބިތުކޮށް ދިން ކަމެއް ކަމަށެވެ.
"ރެކޯޑް ލިބުނީ ވަރަށް އުފާވި. އުފަލުން ގޮސް ބަސް ވެސް ހުއްޓުނު." ލަލިތު ބުންޏެވެ.
އޭނަ ބުނި ގޮތުގައި އެންމެ އުފާވާ ކަމަކީ ވަރަށް ސަޕޯޓިވް އާއިލާއަކާއި ގާތް ރައްޓެތިންތަކެއް ތިބުމެވެ.