Last Updated: April 11, 11:14
Friday, April 11, 2025
މުނިފޫހިފިލުވުން

ހަމުގެ ކުލައިގެ ސަބަބުން ފިލްމުތަކެއް ނުލިބޭ: ނީލް

ހަމުގެ ކުލަ މާ ބޮޑަށް އަލިވުމުގެ ސަބަބުން ފިލްމުތަކުން ފުރުސަތު ނުލިބޭ ކަމަށާއި އެއީ އިންސާފެއް ވެސް ނޫން ކަމަށް ބޮލީވުޑްގެ އެކްޓަރު ނީލް ނިތިން މުކޭޝް ބުނެފި އެވެ.

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުކޭޝްގެ ކާފަދަރި "ހިންދީ ރަޝް" ޕޮޑްކާސްޓަށް ދިން އިންޓަވިއުއެއްގައި ބުނީ ފިލްމުތަކުން ފުރުސަތު ނުލިބޭތީ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނަށް ގުޅައި، މެސެޖްކޮށްގެން ވެސް މަސައްކަތް ހޯދަން މަސައްކަތްކުރާ ކަމަށެވެ.

އެފަދަ ހާލަތްތަކުގައި ފުރުސަތުތައް ދޭނެ ކަމަށް ބުންޏަސް ގިނަ ފަހަރަށް، ފަހުން ޚަބަރެއް ނުވާ ކަމަށް 2007 ގެ "ޖޯނީ ގައްދާރު" އިން ބޮލީވުޑަށް ނުކުތް 43 އަހަރުގެ އެކްޓަރު ބުންޏެވެ.

އޭނަ ބުނީ ބޮލީވުޑްގައި ކަންކަން ހިނގަނީ އެންމެ ރަނގަޅަަށް ނޫން ކަމަށެވެ. އެގޮތުން މީހާގެ ހުނަރަށް ވުރެ ބޮޑަށް، ސިފަ އަށް ބަލާ ކަމަށާއި އޭގެ ސަބަބުން އެތައް ބަޔަކަށް ކުރިއަށްދާން ހުރަސްތައް ހުރި ކަމަށް ބުންޏެވެ. ނީލް ބުނި ގޮތުގައި އޭނަގެ ކެރިއަރުގައި މިހާތަނަށް އެންމެ ބޮޑަށް ކުރިމަތިލާން ޖެހުނު ކަމަކީ ހަމުގެ ކުލަ މާ ބޮޑަށް އަލިވުން ކަމަށެވެ.

"އެކަމާ ހެދި ބުލީއާ ވަރަށް ބޮޑަށް ކުރިމަތިލާން ޖެހުނު." ކައިވެނިކޮށް އަންހެން ދަރިޔަކު ވެސް ހުރި އެކްޓަރު ބުންޏެވެ.

އޭނަ ބުނީ ހަމުގެ ކުލަ އާއި ސިފަ އަށް ބަލައިގެން އެކްޓަރުންނަށް ފުރުސަތު ދޭ އިރު، އެކްޓަރުންގެ އަސްލު ސިފައާ ނުގުޅޭ ކަހަލަ ރޯލުތަކެއް ކުޅެގެން މަޝްހޫރު ބައެއް އެކްޓަރުން ބެލުންތެރިންގެ ސަމާލުކަން ވެސް ހޯދާފައިވާ ކަމަށެވެ. އެގޮތުން 2006 ގެ "އޯމްކާރާ" ގައި ސައިފް އަލީ ޚާން ކުޅުނު ރަސްޓިކް ރޯލާއި 2019 ގެ "ސުޕަ 30" ގައި ރިތިކް ރޯޝަން ކުޅުނު ރަސްޓިކް ރޯލަކީ އެ މީހުން ކުޅެފާނެ ކަމަށް ބައެއް މީހުން ގަބޫލު ވެސް ނުކުރާ ކަހަލަ ރޯލުތަކެއް ކަމަށެވެ.

"އެކަމަކު އެ މީހުން އެ ފިލްމުން އާންމުން ލޯބި ހޯދީ ދެއްކި ހުނަރުން. ހަގީގަތުގައި އެކްޓަރުންނަކީ ކުޅެން ޖެހޭ ކޮންމެ ކަހަލަ ރޯލަކަށް ވެސް ބަދަލުވާނެ ބައެއް،" ނީލް ބުންޏެވެ. "އެހެންވެ އަހަންނަށް ވެސް ފުރުސަތު ދޭށޭ ކިޔަނީ. ގައިގެ ކުލައަކަށް ނޫން ބަލަންވީ. މީހާގެ ކިބައިގައި ހުރި ހުނަރަށް ބަލަންވީ."

ނީލްގެ ކެރިއަރުގައި ކުޅުނު އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކަކީ އޭނަ ސަޕޯޓިން ރޯލުތަކެއް ކުޅުނު "ޕްރޭމް ރަތަން ދަން ޕާޔޯ" އާއި "ގޯލްމާލް ރިޓާންސް" ގެ އިތުރުން "ޖެއިލް" އާއި "ވަޒީރު" އަދި "ޑޭވިޑް" އެވެ.

ނީލްގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ޖެނުއަރީގައި ޒީ5 އިން ޕްރީމިއާކުރި "ހިސާބު ބަރާބަރު" އެވެ.