ކުރިން ތަމަޅަ ފިލްމެއް ވެސް ކުޅެފައިވާ ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ ތެލެގޫ ފިލްމަކަށް ސޮއިކޮށްފި އެވެ.
އޭނަ ފިލްމަކަށް ސޮއި ނުުކުރާތާ ގިނަ ދުވަސްތަކެއް ފަހުން ސޮއިކުރި ތެލެގޫ ފިލްމަކީ "ޖަޓަދާރާ" އެވެ. ސުދީރު ބާބޫ ބަތަލުގެ ރޯލު ކުޅޭ ފިލްމުގައި ސޮނާކްޝީ ފެންނާގެ ގޮތުގެ ޕޯސްޓަރެއް ވެސް އިއްޔެ ދައްކާލާފައިވެ އެވެ. "ޖަޓަދާރާ" އަކީ ވެންކަޓް ކަލިއަން ޑައިރެކްޓްކުރާ ސުޕަނެޗްރަލް ތުރިލާއެކެވެ.
ސަލްމާން ޚާންގެ 2010 ގެ "ދަބަންގް" އިން ބޮލީވުޑަށް ނުކުތް ސޮނާކްޝީ، 37، ގެ ދެ ފިލްމެއް މިދިޔަ އަހަރު ރިލީޒްވި އެވެ. އެއީ "ކަކުޑާ" އާއި "ބަޅޭ މިޔޭ ޗޯޓޭ މިޔާ" އެވެ. މީގެ އިތުރުން މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން ސީރީޒް "ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރު" އިން ސޮނާކްޝީ ފެނިފައިވެ އެވެ.
ފިލްމީ ކެރިއަރުގައި މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ހޯދިފައި ނުވާ ބަތަލާ މިދިޔަ އަހަރު ވަނީ ކައިވެނި ވެސް ކޮށްފަ އެވެ. ސޮނާކްޝީގެ ފިރިމީހާ އަކީ ސަލްމާން ޕްރޮޑިއުސްކުރި 2019 ގެ "ނޯޓްބުކް" އިން ތައާރަފުކުރި ޒަހީރް އިގްބާލެވެ. އޭނަ އަކީ ކުޅޭނެ ފިލްމެއް ލިބޭ އެކްޓަރެއް ނޫނެވެ. ޒަހީރު މިހާތަނަށް ފެނިފައި ވަނީ ތިން ފިލްމަކުންނެވެ. އެއީ އަލަތު ފިލްމުގެ އިތުރުން ސޮނާކްޝީ ވެސް ކާސްޓްގައި ހިމެނޭ 2022 ގެ "ޑަބަލް އެކްސް" އާއި މިދިޔަ އަހަރުގެ "ރުސްލާން" އެވެ.
ތެލެގޫ ފިލްމަކަށް ސޮނާކްޝީ ސޮއިކުރި އިރު، އޭނަގެ ތަމަޅަ ފިލްމަކީ ރަޖްނީކާންތުއާ އެކު ކުޅުނު 2014 ގެ "ލިންގާ" އެވެ.