Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

އޭއީއެޗަށް މެޑިކަލް ޑިރެކްޓަރެއް ހޯދަނީ

ފަސް އަހަރު ދުވަހަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް މެޑިކަލް ޑިރެކްޓަރެއް ހޯދަން އިއުލާންކޮށްފި އެވެެ.

އެ ހޮސްޕިޓަލުން ބުނީ އެ މަގާމަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 13 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މެޑިކަލް ޑިރެކްޓަރުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވުން ނުވަތަ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ، މަގާމުގެ މަސައްކަތްތަކާ ގުޅުން ހުރި، ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އަށްވުރެ ދަށް ނޫން، ސްޕެޝަލިޓީ މާސްޓާސް ޑިގްރީއެއް ހާސިލްކޮށްފައިވުން ނުވަތަ މަދުވެގެން 10 އަހަރު މެޑިސިން ޕްރެކްޓިސްކޮށްފައިވުން ނުވަތަ ސިއްޙީ ދާއިރާއެއްގައި މަދުވެގެން ހަތަރު އަހަރު ދުވަހު ހިންގުމުގެ މަސްއޫލިއްޔަތު އެކުލެވޭ ޒިންމާއެއް އަދާކޮށްފައިވުމެވެ.

މެޑިކަލް ޑިރެކްޓަރުގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ ހޮސްޕިޓަލުގެ މެޑިކަލް އަދި ޞިއްޙީ ޚިދުމަތްތައް ރާވައި، އިރުޝާދުދީ، ކޯޑިނޭޓް ކުރުމާއި ފެންވަރު ރަނގަޅު ޕްރެކްޓިޝަނަރުން ޢައްޔަންކުރުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގެ އިތުރަށް
ހޮސްޕިޓަލްގެ މެޑިކަލް ސްޓާފުން ސުޕަވައިޒްކުރުމާއި މަސައްކަތުގެ ފެންވަރު ބެލުމެވެ.

މެޑިކަލް ޑިރެކްޓަރުގެ އަސާސީ މުސާރަ އަކީ މަހަކު 41،343ރ. އެވެ. މީގެ އިތުރުން އެލަވަންސަށް 23،678ރ. އާއި ހާޒިރީ އިނާޔަތަށް، ހާޒިރީ އިނާޔަތް ދެވޭ ކޮންމެ ދުވަހަކަށް 641ރ. އާއި ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަންގެ އިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް ވެސް ލިބޭނެ އެވެ.

އޭއީއެޗުން ބުނީ މެޑިކަލް ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާ މީހުންނާ އިންޓަވިއު ކުރާނީ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް އެންމެ މަތިން ޕޮއިންޓު ލިބޭ މީހުން ޝޯޓްލިސްޓްކޮށްގެން ކަމަށެވެ. އެގޮތުން އިންޓަވިއު އޮންނާނީ މި މަހުގެ 16 އާއި އަންނަ މަހުގެ 15 އާ ދެމެދ އެވެ.