Last Updated: April 22, 17:12
Tuesday, April 22, 2025
ޚަބަރު

ފަނޑިޔާރު މަހާޒު ޖޭއެސްސީއަށް ހާޒިރުކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް މިއަދު ހާޒިރުކޮށްފި އެވެ.

މަހާޒު ޖޭއެސްސީ އަށް މިއަދު ހާޒިރުވީ ގާނޫނީ ވަކީލު ފައިސަލް މުހައްމަދާ އެކު އެވެ. އަދި މާދަމާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވެސް ޖޭއެސްސީ އަށް ހާޒިރުކުރަން ވަނީ ނިންމައިފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ޖޭއެސްސީން އަޒްމިރަލްދާއާ އާއި މަހާޒްއާ ގުޅޭގޮތުން ބަލަމުން އަންނަ ސުލޫކީ މައްސަލައަކީ ފަނޑިޔާރަކަށް ނުފޫޒު ފޯރުވުމާ ގުޅޭ މައްސަލައެކެވެ.

އަޒްމިރާލްދާގެ ވަކީލު އިބްރާހިމް ޝަމީލްގެ ފަރާތުން ދާދިފަހުން އާއްމުކުރި ނޫސްބަޔާނެއްގައި ވަނީ އަޒްމިރާލްދާ އަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށް، ސުލޫކީ މައްސަލައެއް ބަލަނީ ނެތް ހާލަތެއް އުފައްދައިގެން ކަމަށް ބުނެފަ އެވެ.

"މި މައްސަލަތަކަކީ އަސްލެއް، އަސާސެއްނެތި ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ ހާލަތެއް ކަމުގައި ދެކެމެވެ،" އެ ބަޔާނުގައިވެ އެވެ.

ޕާޓީ ބަދަލުކުރުމުން މަޖިލީހުގެ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ސަރުކާރުން ގެނެސްފައިވާ އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެ ކޯޓުގެ ފަނޑިޔާރުންގެ ބަންޗަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރައްވައި އެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ދާދިފަހުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑް ކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ހުށަހެޅި ބިލު މަޖިލީހުން ފާސްކުރިތާ މާގިނަ އިރުތަކެއް ނުވެ އެވެ.