މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭން ނިންމި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މާލެ ސަރަހައްދުގައި މިހާރު ކުރިއަށްދާ އިރު މިހާތަނަށް 48،000 ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކުރެވިފައިވާ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ މިހާތަނަށް އައިއިރު، މާލެ ސަރަޙައްދުގައި 48،000 ގޭބިސީއަށް ރޯދަ ހަދިޔާ ފޯރުކޮށްދެވިފައިވާ ކަމަށާއި މާދަމާ ރެޔާއި ހަމައަށް މިހާރެކޭ އެއްގޮތަށް 13 މަރުކަޒުގައި ރޯދަ ހަދިޔާ ދޫކުރުން ކުރިޔަށްދާނެ ކަމަށެވެ.
ނަމަވެސް މި ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން، ރޯދަ ހަދިޔާ ދޫކުރާނީ މިފްކޯގެ ފިހާރަތަކުން ކަމަށާއި މާލެ އަދި ހުޅުމާލޭގައި ހުރި މިފްކޯގެ 4 ފިހާރަ ހުޅުވިފައި ހުންނަ ގަޑި ތަކުގައި ރޯދަ ހަދިޔާ ދޫކުރުން ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.
ރޯދަ ހަދިޔާ ދޫކުރާ މަރުކަޒުތައް އަންގާރައިން ފެށިގެން ބަދަލުވީ ނަމަވެސް، ދޫކުރުން ކުރިޔަށްދާނީ މިހާރެކޭ އެއްގޮތަށް، އޮންލައިން ޓޯކަން ނިޒާމުގެ ތެރެއިން ކަމަށާއި އަދި ބޭނުންވާ ހުރިހާ ފަރާތްތަކަށް ލިބެންދެން ކުރިޔަށްދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރޯދަ ހަދިޔާގެ ގޮތުގައު ދެނީ 48 ދަޅު ހިމެނޭ 180 ގްރާމްގެ ތެޔޮ މަސްދަޅު ކޭހެވެ.
ރާއްޖޭގެ ވަރަށް ގިނަ ހިސާބުތަކުގައި މަސްދަޅު ކޭސް ބަހައި މިހާރު އޮތީ ނިންމައިފަ އެވެ.