Last Updated: April 22, 16:56
Tuesday, April 22, 2025
ޚަބަރު

ޖޭއެސްސީގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާނުލާނެ

ޖޭއެސްސީ - ފޮޓޯ: އަވަސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ހާޒިރުކޮށްގެން ބާއްވާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ބައްދަލުވުމުގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާނުލަން ނިންމައިފި އެވެ.

ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން، އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ޖޭއެސްސީން ބަލަމުންދާއިރު، އެ މައްސަލައިގައި ފަނޑިޔާރު އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުވާން އަންގާފައި އޮތީ މާދަމާ އެވެ. އަދި އެ އަޑުއެހުންތައް ހުޅުވާލައިގެން ބޭއްވުމަށް ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ވަނީ އެދިފައެ ވެ.

ނަމަވެސް މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ވަނީ އެ އަޑުއެހުން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ނުގެންދަން ނިންމާފަ އެވެ.

މި މައްސަލައިގައި ފަނޑިޔާރު އަޒްމިރަލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރަށް ވެސް ތުހުމަތު ކުރެ އެވެ. އެގޮތުން މަހާޒު މިއަދު ވަނީ ޖޭއެސްސީ އަށް ހާޒިރުކޮށް ބަޔާން ނަގައިފަ އެވެ. މަހާޒް ވަނީ އޭނާއަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ.

ޕާޓީ ބަދަލުކުރުމުން މަޖިލީހުގެ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ސަރުކާރުން ގެނެސްފައިވާ އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެ ކޯޓުގެ ފަނޑިޔާރުންގެ ބަންޗަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރައްވައި އެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ދާދިފަހުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑް ކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ހުށަހެޅި ބިލު މަޖިލީހުން ފާސްކުރިތާ މާގިނަ އިރުތަކެއް ނުވެ އެވެ.