އަންހެނުން ބާރުވެރިކޮށް، އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާގެ މައްސަލަތަކުގައި ގުޅިގެން މަސައްކަތް ކުރަން ރާއްޖޭގެ ހަތް ސިޔާސީ ޕާޓީއަކުން އެއްބަސްވެ އެކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިނގިރޭސިވިލާތުގެ ވެސްޓްމިނިސްޓާ ފައުންޑޭޝަން ފޯ ޑިމޮކްރަސީން އިސް ނަގައިގެން އެކުލަވާލި ކްރޮސް ޕާޓީ އެއްބަސްވުން "އެންޝުއާ ސޭފްޓީ އެންޑް އީކްއަލް އޮޕޮޗްނިޓީސް ފޯ ވިމެން އިން ޕޮލިޓިކްސް" ގައި ރާއްޖެ އިން އިއްޔެ ސޮއިކުރި ޕާޓީތަކަކީ މޯލްޑިވްސް ޑިމޮރްކެޓިކް ޕާޓީ (އެމްޑީޕީ) އާއި އަދާލަތު ޕާޓީ އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައަންސް (އެމްޑީއޭ) އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އަދި ދަ ޑެމޮކްރެޓްސް އެވެ.
މިއީ އަންހެނުން ބާރުވެރި ކުރަން އަދި އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާތަކާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރަން ސިޔާސީ ޕާޓީތަކުން އެއްބަސްވި ފުރަތަމަ ފަހަރެވެ.
މި އެއްބަސްވުމަކީ ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ކުރެވުނު ދިރާސާތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ މުހިންމު އެއްބަސްވުމެއް ކަމަށްވާ ވެސްޓްމިންސްޓާ އިން ބުންޏެވެ. މި އެއްބަސްވުމުގައި ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރިކުރުމަށާއި އަންހެނުންނަށް ކުރިމަތިވާ އަނިޔާ ހުއްޓުވުމަށްޓަކައި ސިޔާސީ ޕާޓީތަކުން އަޅަން ޖެހޭ ފިޔަވަޅުތައް ތަފްސީލުކޮށް ބަޔާންކޮށްފައިވެ އެވެ.
ވެސްޓްމިންސްޓާ ފައުންޑޭޝަނުން ބުނީ އެ ފައުންޑޭޝަނުގެ މަގުސަދަކީ އަންހެނުންނަށް ކުރިމަތިވާ ހުރަސްތައް މަދުކޮށް، ފާހަގަކުރެވޭ ފަދަ އިސްލާހީ ބަދަލުތަކެއް ގެނައުން ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މި އެއްބަސްވުމުގެ ޒަރީއާއިން ސިޔާސީ މަޝްރަހުގައި އަންހެނުންނަށް ޒަމާނުއްސުރެ ކުރިމަތިވަމުން އައިސްފައިވާ ހުރަސްތައް މަދުކޮށް، ފާހަގަކުރެވޭފަދަ އިސްލާހީ ބަދަލުތަކެއް ގެނައުން،" އެތަނުގެ ބަޔާނުގައި ބުންޏެވެ. "އަދި ގައުމީ ފެންވަރުގެ ނިންމުންތައް ނިންމުމުގައި އަންހެނުންނަށް ބަސްބުނުމުގެ ފުރުސަތު ފަހިކޮށްދ،ީ ރާއްޖޭގައި ހަރުދަނާ އަދި ޝާމިލު ޑިމޮކްރެޓިކް ވެއްޓެއް ގާއިމު ކުރުމަށް މަގުފަހިކޮށް ދިނުން."