Last Updated: April 7, 09:48
Monday, April 7, 2025
ޚަބަރު

ފައިސާ ޗާޕުކޮށްފި ނަމަ ޑޮލަރު އަގު 24 ރުފިޔާއަށް އަރާނެ

މަރުކަޒީ ބޭންކު (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ) އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން ފައިސާ ޗާޕުކުރަން އުޅޭ ވާހަކަތަކާއި ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

"އަދަދު" ނޫހުން މިއަދު ވަނީ އެމްއެމްއޭގެ ބޯޑުން 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޗާޕުކުރަން ނިންމާފައިވާ ކަމަށް ބުނާ ހަބަރެއް ރިޕޯޓުކޮށްފަ އެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އެމްއެމްއޭ އިން މިހާތަނަށް އެއްޗެއް ބުނެފަ އެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ މާލީ މަރުކަޒެއް ތަރައްޤީކުރުމުގެ ނަމުގައި އެމްއެމްއޭ އިން، ރިއަލް އެސްޓޭޓް ގަތުމަކީ އައިއެމްއެފްއިން ހުށަހަޅާފައިވާ މާލީ ފިޔަވަޅުތައް ތަންފީޒުކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދުތަކާ ވަރަށް ބޮޑަށް ޚިލާފު ކަމެއް ކަމަށެވެ. އަދި މި ފިޔަވަޅަކީ އަސްލު ޙަޤީޤަތުގައި ފޮރުވިފައިވާ ފައިސާ ޗާޕުކުރުމެއް ކަމަށް ނަޝީދު ތުހުމަތު ކުރެއްވި އެވެ.

ފައިސާގެ ސަޕްލައި 14 ބިލިއަން ރުފިޔާއަށް އިތުރުކުރުމުގެ ސަބަބުން، އެމެރިކާ ޑޮލަރުގެ ރޭޓު 24 ރުފިޔާއަށް ވުރެ މަތިވުމަކީ ގާތްކަމެއް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އަގުތައް އުފުލިގެންދާނެ ކަމަށާއި ސަރުކާރުން މިކަމާއި މެދު އަލުން ވިސްނައި، ބަޖެޓް ޑެފިސިޓް ކުޑަކުރުމުގެ ފިޔަވަޅުތަކަށް އެނބުރި ދާންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

ފައިސާ ޗާޕުކުރަން އުޅޭ ކަމުގެ ހަބަރެއް ރިޕޯޓުކޮށްފައިވާއިރު، މި ސަރުކާރުން ފައިސާ ޗާޕުނުކުރާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވަނީ ތަކުރާރުކޮށް ދެއްވާފަ އެވެ. އެގޮތުން ފައިސާ ޗާޕުނުކުރުމަކީ އެމަނިކުފާނުގެ އެންމެ މުހިއްމު އެއް ވައުދެވެ.