އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.
މި ނަތީޖާއާ އެކު، އާސެނަލް އޮތީ ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލަށް ވުރެ އެއް މެޗު މަދުން ކުޅެ، އެ ޓީމަށް ވުރެ 15 ޕޮއިންޓު ފަހަތުގަ އެވެ. ލިވަޕޫލަށް 29 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އާސެނަލަށް ވަނީ 28 މެޗުން 55 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށް ވަނީ 28 މެޗުން 51 ޕޮއިންޓް ލިބިފަ އެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އާސެނަލުން ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެ ފުރުސަތުތަކުގެ ބޭނުން އާސެނަލަށް ނުހިފުނުއިރު، ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިބުނު ހިލޭޖެހުމަކުން ބްރޫނޯ ފެނާންޑޭސް ވަނީ ޔުނައިޓެޑަށް ލީޑު ނަގައިދީފަ އެވެ.
ދެ ވަނަ ހާފުގައި ޔުނައިޓެޑުން ލީޑުފުޅާކުރަން ރަނގަޅު ފުރުސަތުތަކެއް ވަނީ ތަނަވަސްކޮށްފަ އެވެ. އެގޮތުން ޔުނައިޓެޑުން ފޮނުވާލި ގިނަ ހަމަލާތައް ދިފާއުކުރުމުގައި އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް ރަޔާގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ.
އާސެނަލުން ނަތީޖާ އެއްވަރުކުރީ މެޗުގެ 74 ވަނަ މިނެޓްގައި ޑެކްލަން ރައިސް ޖެހި ގޯލުންނެވެ. މިއީ ޔުނައިޓެޑްގެ އޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއަކުން ރައިސް ކާމިޔާބުކުރި ގޯލެކެވެ.
މި ޕޮއިންޓާ އެކު، ޔުނައިޓެޑް ލީގުގެ 14 ވަނައިގައި އޮތީ 28 މެޗުން 34 ޕޮއިންޓާ އެކު އެވެ.
ޕްރިމިއާ ލީގުގައި ރޭ ލެސްޓަ ސިޓީ 1-0 އިން ބަލިކޮށް ޗެލްސީން ވަނީ ލީގުގެ ހަތަރުވަނަ އަށް އަރާފަ އެވެ. ބޯންމަތް އަތުން 2-2 އިން ރޭ އެއްވަރުވި ޓޮޓެންހަމް އޮތީ ލީގުގެ 13 ވަނައިގަ އެވެ.