ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ހާޒިރުކޮށްގެން ބާއްވާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ބައްދަލުވުމުގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާނުލާން އެ ކޮމިޝަނުން ނިންމި ނިންމުމަކީ ފިނޑި ނިންމުމެއް ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން، އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ޖޭއެސްސީން ބަލަމުންދާއިރު، އެ މައްސަލައިގައި ފަނޑިޔާރު އަޒްމިރަލްދާ ވަނީ އެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ބޭއްވުމަށް އެދިފަ އެވެ.
ނަމަވެސް އިއްޔެ ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ވަނީ އެ އަޑުއެހުން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ނުގެންދަން ނިންމާފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލީ ހުސެއިން ވިދާޅުވީ މިއީ ވަރަށް ޒިންމާދާރުކަން ކުޑަ ފިނޑި ނިންމުމެއް ކަމަށާއި މިފަދަ ނިންމުންތަކުގެ ސަބަބުން މިނިވަން މުއައްސަސާތަކަށް އަދި ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު އިތުރަށް ގެއްލޭނެ ކަމަށެވެ.
މި މައްސަލައިގައި ފަނޑިޔާރު އަޒްމިރަލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރަށް ވެސް ތުހުމަތު ކުރެ އެވެ. އެގޮތުން މަހާޒު އިއްޔެ ވަނީ ޖޭއެސްސީ އަށް ހާޒިރުކޮށް ބަޔާން ނަގައިފަ އެވެ. މަހާޒް ވަނީ އޭނާއަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ.
ޕާޓީ ބަދަލުކުރުމުން މަޖިލީހުގެ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ސަރުކާރުން ގެނެސްފައިވާ އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެ ކޯޓުގެ ފަނޑިޔާރުންގެ ބަންޗަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރައްވައި އެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ދާދިފަހުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.