Last Updated: April 9, 02:22
Wednesday, April 9, 2025
ޚަބަރު

ގަވަރުނަރު ޒިންމާދާރު ކުރުވަން ޖެހޭ: ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް - ފޮޓޯ: އެމްޑީޕީ

މަރުކަޒީ ބޭންކު (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ) އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން ފައިސާ ޗާޕުކުރަން އުޅޭ ވާހަކަތަކާއި ގުޅިގެން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ޒިންމާދާރުކުރުވަން އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ގޮވާލައިފި އެވެ.

"އަދަދު" ނޫހުން އިއްޔެ ވަނީ އެމްއެމްއޭގެ ބޯޑުން 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޗާޕުކުރަން ނިންމާފައިވާ ކަމަށް ބުނާ ހަބަރެއް ރިޕޯޓުކޮށްފަ އެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އެމްއެމްއޭ އިން މިހާތަނަށް އެއްޗެއް ބުނެފަ އެވެ.

މިކަމާ ގުޅިގެން ފައްޔާޒު ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ވަޢުދުތަކުގެ އަގަކީ އެމަނިކުފާނު އައު ފައިސާ ޗާޕުކުރާނެ ކަރުދާހުގެ އަގަށްވުރެ ވެސް ދަށް އެއްޗެއް ކަމަށެވެ. އަދި 15 ބިލިއަން ރުފިޔާއަކީ މިހާތަނަށް ޤައުމުގައި ޗާޕުކުރެވުނު އެންމެ ގިނަ އަދަދުގެ ފައިސާ ކަމަށްވުމުގެ އިތުރުން، މި ފައިސާ ބޭނުންކުރެވޭނީ ސަރުކާރުގެ އާމްދަނީ އިތުރުކޮށް، ރައީސް މުއިއްޒުގެ ނާޤާބިލު އަދި ޒިންމާދާރުކަން ކުޑަ ޚަރަދުތަކާ އެއްހަމައެއްގައި ބެހެއްޓުމަށްކަން ސާފުކޮށް އެނގޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވަނީ މިހާރުވެސް ނާޒުކު ޙާލަތެއްގައިވާ ޤައުމުގެ އިޤްތިޞާދީ މާޙައުލުގައި، ރައްޔިތުންގެ އަސްލު ދަތިތައް ފިލުވުމަށް ބޭނުންކުރާނެ ގޮތެއްގެ ޕްލޭނެއް ނެތި ގިނަ އަދަދަކަށް ފައިސާ ޗާޕުކުރުމުގެ ނަތީޖާއަކަށް ވާނީ އިންފްލޭޝަން އިތުރުވެ، އޭގެ އަސަރު އާންމު ރައްޔިތުންނަށް ކުރުން ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން އިންވެސްޓްމަންޓްތަކަށް ފައިސާ ޗާޕުކުރުމުގެ ޤާނޫނީ ބާރު އެމްއެމްއޭ އަށް ލިބިފައެއް ނުވާ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ. އަދި އެމްއެމްއޭގެ ގަވަރުނަރާއި ބޯޑު ޒިންމާދާރުކުރުވަންޖެހޭ ކަމަށާއި އެމްއެމްއޭގެ ގަވަރުނަރަށް ފަހުން ސަރުކާރުގެ ފަހަތުގައި ފޮރުވިގެން ނުހުންނެވޭނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި އެމްއެމްއޭ އަކީ މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި އޮންނަންޖެހޭ ތަނެއް ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

ފައިސާ ޗާޕުކުރަން އުޅޭ ކަމުގެ ހަބަރެއް ރިޕޯޓުކޮށްފައިވާއިރު، މި ސަރުކާރުން ފައިސާ ޗާޕުނުކުރާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު މީގެކުރިން ވަނީ ތަކުރާރުކޮށް ދެއްވާފަ އެވެ. އެގޮތުން ފައިސާ ޗާޕުނުކުރުމަކީ އެމަނިކުފާނުގެ އެންމެ މުހިއްމު އެއް ވައުދެވެ.

ހިޔާލު ފާޅުކުރައްވާ