އިންޑިއާގެ ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީގެ އެންމެ ފަހުން ކުޅުނު ފިލްމު "މޮމް" ގެ ސީކްއެލްއެއް އޭނަގެ ހަގު ދަރިފުޅު ހުޝީ ކަޕޫރް ހިމަނައިގެން ހަދަން ޕްލޭންކޮށްފައިވާ ކަމަށް އަރަމުން އަންނަ ޒުވާން ބަތަލާގެ ބައްޕަ ޕްރޮޑިއުސަރު ބޯނީ ކަޕޫރް ބުނެފި އެވެ.
އައިފާ އެވޯޑަށް 25 އަހަރު ފުރުން ފާހަގަ ކުރުމަށް އިއްޔެ ބޭއްވި އިވެންޓެއްގައި ބޯނީ ބުނީ ސްރީދޭވީގެ ދެ ދަރިން ކަމަށްވާ ޖާންވީ ކަޕޫރާއި ހުޝީ އަކީ އެ މީހުންގެ މަންމަގެ ފިޔަވަޅު މަތިން ކުރިއަށް ގޮސް، ސްރީދޭވީގެ ލަގަސީ ދިރުވަން މަސައްކަތްކުރާ ދެ ބަތަލާއިން ކަމަށެވެ.
ހާއްސަކޮށް ހުޝީ އަކީ ސްރީދޭވީގެ ހަނދާންތައް ވަރަށް ބޮޑަށް ދިރުވަން ބޭނުންވާ ކުއްޖެއް ކަމަށް ބޯނީ ބުންޏެވެ.
"އެހެންވެ އަހަރެން ޕްރޮޑިއުސްކުރަން މިހާރު ތައްޔާރުވަމުން އަންނަ ނޯ އެންޓްރީގެ ސީކްއެލް އަށް ފަހު، ސްރީދޭވީގެ މޮމްގެ ސީކްއެލްއެއް ހުޝީއާ އެކި ހަދާނަން،" އޭނަ ބުންޏެވެ. "އަހަރެން ވަރަށް ބޭނުން ސްރީދޭވީ ކަހަލަ ކާމިޔާބު ދެ ބަތަލާއިންނަށް ހުޝީ އާއި ޖާންވީ ވާން."
ބޯނީ ބުނީ ހުޝީ މިހާތަނަށް ކުޅުނު ތިން ފިލްމު ވެސް ބަލާފައިވާ ކަމަށާއި ހަގު ދަރިފުޅުގެ ކެރިއަރު ބައްޓަންވަމުންދާ ގޮތާ މެދު ވަރަށް އުފާވެ، ހިތްހަމަޖެހޭ ކަމަށެވެ. ހުޝީގެ ފުރަތަމަ ފިލްމަކީ 2023 ގެ "ދި އާޗީސް" އެވެ. އޭނަގެ އަނެއް ދެ ފިލްމަކީ މިދިޔަ ފެބްރުއަރީ މަހުގެ 7 ގައި ގެނެސްދިން "ލަވްޔާޕާ" އާއި މި މަހުގެ 7 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރި "ނާދާނިޔާން" އެވެ.
ސްރީދޭވީގެ އެންމެ ފަހުން ކުޅުނު "މޮމް" ގެ ސީކްއެލްއެއް ހުޝީއާ އެކު ހަދަން ނިންމާފައިވާ އިރު، އެ ފިލްމަކީ 2017 ގައި ރިލީޒްކުރި ކްރައިމް ތުރިލާއެކެވެ. ރަވީ އުދިއަވަރު ޑައިރެކްޓްކުރި ފިލްމުގައި ސްރީދޭވީގެ ދަރިއެއްގެ ރޯލު ޕާކިސްތާންގެ މަޝްހޫރު ބަތަލާ ސަޖަލް އަލީ ކުޅެފައިވެ އެވެ.
ސްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީ ބޮލީވުޑަށް ނުކުތީ 2018 ގެ "ދަޅަކް" އިންނެވެ. ނަމަވެސް ދަރިފުޅުގެ ފިލްމު ބަލާލުމުގެ ފުރުސަތު ނުލިބި އޭނަ މަރުވީ އަހަރުގެ ފެބްރުއަރީ މަހު އެވެ.