Last Updated: April 11, 11:14
Friday, April 11, 2025
މުނިފޫހިފިލުވުން

"ޗާންދު މޭރާ ދިލް" ފަށަން ތައްޔާރުވެއްޖެ

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އިއުލާންކުރި ލޯބީގެ ފިލްމު "ޗާންދު މޭރާ ދިލް" ގެ ޝޫޓިން ފަށަން ތައްޔާރުވެއްޖެ އެވެ.

ޒުވާން ދެ ތަރިން ކަމަށްވާ ލަކްޝް އާއި އަނަންޔާ ޕާންޑޭ ލީޑް ރޯލު ކުޅޭ މި ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު ޕޫނޭގައި ކަމަށް މީޑިއާތަކުން ބުންޏެވެ. "ޗާންދު މޭރާ ދިލް" އަކީ މިދިޔަ އަހަރު ދަރުމާގެ އެކްޝަން ފިލްމު "ކިލް" އިން ތައާރަފުވި ލަކްޝްގެ ދެވަނަ ފިލްމެވެ.

ޒުވާން ލޯބީގެ ވާހަކައެއް ކިޔައިދޭނެ މި ފިލްމުގެ ޑައިރެކްޓަރަކީ ވިވެކް ސޯނީ އެވެ. އޭނަ އަކީ ދަރުމާގެ 2021 ގެ ފިލްމު "މީނާކްޝީ ސުންދަރޭޝްވަރް" ގެ ވެސް ޑައިރެކްޓަރެވެ.

"ޗާންދު މޭރާ ދިލް" ރަސްމީކޮށް އިއުލާންކޮށް ފިލްމުގެ ޕޯސްޓަރުތަކެއް ދައްކައިލީ މިދިޔަ އަހަރުގެ ނޮވެމްބަރު 7 ގަ އެވެ. އެކަމަކު ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

ނަމަވެސް މި އަހަރު ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އެވެ.