Last Updated: April 22, 16:32
Tuesday, April 22, 2025
ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

ޖޭއެސްސީން ކުރި އިއުލާނުގައި ބުނީ އެންމެ މަތީ ކޯޓުން ހުސްވެފައިވާ ގޮނޑިއަށް އަންނަ ބުދަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ކުރިމަތިލެވޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހުޅުވާލާފައިމިވަނީ ޕާޓީ ބަދަލުކުރުމުން މަޖިލީހުގެ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ސަރުކާރުން ގެނެސްފައިވާ އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެ ކޯޓުގެ ފަނޑިޔާރުންގެ ބަންޗަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރައްވައި އެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތަކީ އުމުރުން 30 އަހަރު ވެފައިވުމާ އެކު ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލުކަމުގައި ހަތް އަހަރުގެ ތަޖްރިބާ ލިބިފައިވުމެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރަނީ ޖޭއެސްސީގެ ލަފާގެ މަތިން މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކަށް ބިނާކޮށް މަޖިލީހުންނެވެ. ގާނޫނު އަސާސީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަން ކުރުމުގެ އިޖުރާއަތް އޮންނަނީ އެގޮތަށެވެ.