Last Updated: April 22, 11:53
Tuesday, April 22, 2025
ޚަބަރު

އެމްއެމްއޭ އިން އިގްތިސާދަށް ފައިސާ ވެއްދުމަކީ ހަމަ ޗާޕުކުރުން

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން - ފޮޓޯ: ދިޔަރެސް

މަރުކަޒީ ބޭންކް، އެމްއެމްއޭއިން ކޮންމެ ގޮތަކުން ވެސް އިގުތިސާދަށް ފައިސާ ވެއްދުމަކީ ފައިސާ ޗާޕުކުރުން ކަމަށް ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

"އަދަދު" ނޫހުން އިއްޔެ ވަނީ އެމްއެމްއޭގެ ބޯޑުން 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޗާޕުކުރަން ނިންމާފައިވާ ކަމަށް ބުނާ ހަބަރެއް ރިޕޯޓުކޮށްފަ އެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އެމްއެމްއޭ އިން މިހާތަނަށް އެއްޗެއް ބުނެފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ މަރުކަޒީ ބޭންކުން ކޮންމެ ގޮތަކުން ވިޔަސް އިޤްތިޞާދަށް ފައިސާ ވެއްދުމަކީ ފައިސާ ޗާޕުކުރުން ކަމަށެވެ. އަދި ކުރީގެ ސަރުކާރުގެ ދައުރުގައި ފައިސާގެ ޒަރިއްޔާ އިން ފައިނޭންސްކުރުމުގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ގޮންޖެހުންތަކުން އަދިވެސް އަރައިނުގަނެވޭ ކަމަށް އަޒާން ވިދާޅުވި އެވެ.

އެމްއެމްއޭ މެދުވެރިކޮށް މިގޮތަށް އިގްތިސާދަށް ފައިސާ ވައްދައިފިނަމަ ކޮންމެހެން ވެސް އަގުތައް މައްޗަށް ދިއުމާއި، ބޭރު ފައިސާގެ އަގަށް ބާރުބޮޑުވުން ފަދަ ކަންކަން ހިނގާނެ ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން އައިއެމްއެފް އިން ކުރީގެ ސަރުކާރަށް ފައިސާ ޗާޕުކުރުމާ ދެކޮޅަށް ތަކުރާރުކޮށް ލަފާދިންކަމާއި، އަދި މިހާރުގެ ސަރުކާރުން މިކަމުގައި ފަރުވާތެރިވެފައިވާތީ އެ އިދާރާ އިން އެކަމަށް ތައުރީފުކޮށްފައިވާ ކަމަށް އަޒާން ވިދާޅުވި އެވެ. އަދި އުއްމީދަކީ ސަރުކާރުން މި ވިސްނުންތެރި މަގުގައި ދެމި ތިބުން ކަމަށްވެސް ވިދާޅުވި އެވެ.

ފައިސާ ޗާޕުކުރަން އުޅޭ ކަމުގެ ހަބަރެއް ރިޕޯޓުކޮށްފައިވާއިރު، މި ސަރުކާރުން ފައިސާ ޗާޕުނުކުރާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވަނީ ތަކުރާރުކޮށް ދެއްވާފަ އެވެ. އެގޮތުން ފައިސާ ޗާޕުނުކުރުމަކީ އެމަނިކުފާނުގެ އެންމެ މުހިއްމު އެއް ވައުދެވެ.