Last Updated: April 7, 09:13
Monday, April 7, 2025
ޚަބަރު

ކުއްލި މައްސަލަ އަށް ވޯޓު ދިނީ އައްޑޫގެ 3 މެމްބަރަކު

އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލުނުވެ ދިގުލައިގެން ގޮސްފައިވާތީ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބަލައިގަންނަން ވޯޓު ދިނީ އައްޑު އަށް ނިސްބަތްވާ އެންމެ ތިން މެމްބަރުންނެވެ.

މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ނާޒިލެވެ.

ކުއްލި މައްސަލަ އަށް ބަހުސްކުރަން ފެނޭތޯ ބެލުމަށް ވޯޓު އެހިއިރު މަޖިލީހުގެ ތަޅުމުގައި އެވަގުތު އައްޑު އަށް ނިސްބަތްވާ މެމްބަރުންގެ ގޮތުގައި ތިއްބެވީ ހުޅުދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) އާއި ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ދީދީ (އައިބީ) އާއި މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ދީދީ އާއި ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު އަޒާންގެ އިތުރުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ނާޒިލް އެވެ.

އެގޮތުން މި މައްސަލަ އަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދިނީ އެމްޑީޕީގެ ދެ މެމްބަރުން ކަމަށްވާ ދީދީ އާއި ނާޒިލްގެ އިތުރުން ޕީއެންސީއަށް ނިސްބަތްވާ އަޒާން އެވެ. ޝާޑު އާއި އައިބީ ވޯޓު ދިނީ މި މައްސަލަ އަށް ބަހުސްކުރަން ނުފެންނަ ކަމަށެވެ.

ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުގައި ނެގި ވޯޓުގައި މި މައްސަލަ ބަލައިގަތުމާ ދެކޮޅަށް ޖުމްލަ 47 މެންބަރަކު ވޯޓު ދެއްވި އެވެ. ކުއްލި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ.

ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓު ކެނޑެމުން ދިޔުމުގެ ސަބަބުން ރަައްޔިތުންގެ އަގުބޮޑު މުދަލަށް ގެއްލުންވަމުންދާ ކަމަށާއި މިކަމާ ހެދި ރައްޔިތުން ތިބީ ހާސްކަމާއި ދަތިކަމުގެ ތެރޭގައި ކަމަށެވެ. އަދި އެ ކަންކަން އެހެން ހުއްޓައި އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރުމަށް ބޭނުންވާ ކެޕޭސިޓީއަށް ވުރެ މާ ދަށް ކެޕޭސިޓީގެ ޖަނެރޭޓަރެއް ގެންގޮސްގެން، އެ މައްސަލަ ހައްލު ކުރަން އުޅޭ ކަމަށް ދައްކައި އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކޮށް ދެއްވާނެ ކަމަށް އެންވަރަމެންޓް މިނިސްޓަރު، ތޯރިގު އިބްރާހިމް ވިދާޅުވި ތާރީހު ފަހަނައަޅައި ދިޔައިރު ވެސް އެއްވެސް ވަރަކަށް ކަރަންޓުގެ މައްސަލަ ހައްލުވެފައި ނުވާ ކަމަށް ބުނެފައިވެ އެވެ.

ކުއްލި މައްސަލައިގައި ސަރުކާރަށް ގޮވާލީ އައްޑޫގެ ކަރަންޓު ހާލަތު ރަނގަޅު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އެޅުމަށެވެ.

މީގެ ކުރިން ވެސް އައްޑޫގެ ކަރަންޓް މައްސަލައާ ގުޅޭ ގޮތުން ހުށަހެޅި ކުއްލި މައްސަލަތައް ބޭރުކޮށްފައިވެ އެވެ.