Last Updated: April 2, 22:48
Wednesday, April 2, 2025
ޚަބަރު

ތިނަދޫ ސްޓޭޑިއަމަށް ޒަމާނީ ބަދަލުތަކެއް

ތިނަދޫ ސިޓީ ޒޯން ސްޓޭޑިއަމަށް ޒަމާނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ މި މަސައްކަތުގެ ތެރެއިން ސަޕޯޓަރުންނަށް ކުޅިބަލަން ތިބެވޭ ގޮނޑި ހަރުކުރުމުގެ މަސައްކަތް މިހާރު ނިންމާފައިިވާ ކަމަށެވެ.

މީގެ 23 އަހަރު ކުރިން ޤާއިމުކުރި ތިނަދޫ ޒޯން ސްޓޭޑިއަމް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން 500 ގޮނޑި ހަރުކޮށްފައިވެ އެވެ.

މިނިސްޓްރީން ބުނީ މި ސްޓޭޑިއަމަށް ގެނެވޭ ބަދަލުތަކާ އެކު މިއީ ސަރަހައްދީ އަދި ގައުމީ ފެންވަރުގެ ގިނަ މުބާރާތްތަކެއް ބާއްވަމުން އަންނަ ތިނަދޫ ޒޯން ސްޓޭޑިއަމްގައި އިތުރު މުބާރާތްތައް ބޭއްވުމަށް ލިބޭނެ ބޮޑު ފަސޭހައަކަސް ވާނެ ކަމަށެވެ.

ވީރާނާވެފައިވާ ކުޅިވަރު ވަސީލަތްތަކުގެ އާބާތުރަ ފިލުވައި، ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރުގެ ތެރޭގައި ތިނަދޫ ސްޓޭޑިއަމްގެ ރޮސްޓްރަމް ސަރަހައްދު ވެސް ވަނީ މަރާމާތުކޮށްފަ އެވެ.