Last Updated: April 7, 09:13
Monday, April 7, 2025
ޚަބަރު

ފައިސާ ޗާޕުކުރަން އުޅެނީ ހާރިޖީ ސިޔާސަތު ފެއިލްވުމުން

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

މި ސަރުކާރުން ފައިސާ ޗާޕުކުރަން އުޅެނީ ހާރިޖީ ސިޔާސަތު ފެއިލްވުމުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ މެދުވެރިކޮށް 15 ބިލިއަން ރުފިޔާ ޗާޕްކުރުމުގެ މަސައްކަތްކުރާކަމަށް އެމްޑީޕީން ތުހުމަތުކޮށްފައިވަނިކޮށް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ސަރުކާރުން ކުރަން އުޅެނީ ޒިންމާދާރުކަން ކުޑަ، އަދި އައިއެމްއެފް އާއި ވޯލްޑް ބޭންކުގެ އިތުރުން އިގްތިސާދީ މާހިރުގެ ލަފަޔާ ޚިލާފު އަމަލެއް ކަމަށެވެ.

މާލީ ސިޔާސަތު ހަރުދަނާކޮށް، ޚަރަދުކުޑަކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި، ސަރުކާރުން އިޤްތިޞާދުގެ ތެރެއަށް ގިނަ އަދަދެއްގެ ފައިސާ ޗާޕުކޮށް ދޫކޮށްލުމުން ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ދިވެހި ރުފިޔާގެ އަގު ވެއްޓި އިޤްތިޞާދަށް ލޮޅުން އަންނާނެކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ފައިސާ ޗާޕުކުރުމުން އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ އާއްމު ރައްޔިތު މީހާއަށް ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

އެގޮތުން ކާނާޔާއި، ތެލާއި، އަސާސީ މުދަލުގެ އަގު ބޮޑުވެ، ޑޮލަރު ހޯދަން މިހާރުވެސް ދަތިއިރު އިހުނަށްވުރެ އެކަންވެސް ދަތިވެ، ދިގުރާސްތާގައި ސަރުކާރަށް ޓެކްސް ބޮޑުކޮށް އާއްމު ޚިދުމަތްތައް މެދުކަނޑާލަން ޖެހޭ ހިސާބަށް ދާނެކަމަށް ޝާހިދު ވިދާޅުވި އެވެ.

އެމްއެމްއޭ އިން ބިން ގަންނަން އުޅޭ މައްސަލައަށް ފާޑު ވިދާޅުވެ ޝާހިދު ވިދާޅުވީ އެމްއެމްއޭ އަކީ ބިން ބޭނުންވާ ތަނެއް ނޫން ކަމަށާއި، ރިއަލް އެސްޓޭޓް ވިޔަފާރީގެ ތެރެއަށް ވަނުމުގެ މެންޑޭޓްވެސް އޮތް ބައެއް ނޫން ކަމަށެވެ. އަދި ސަރުކާރުން ޖެހުނު މަގަކުން ފައިސާ ހޯދަން މަސައްކަތް ފެށީ ޚާރިޖީ ސިޔާސަތު ފެއިލްވެ، ބޭރުންވެސް އެއްވެސް ފައިސާއެއް ނުލިބުމުންކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް ސަރުކާރު ހިންގަން ނޭނގުމުގެ އަގު ދައްކަން ޖެހޭނީ ދިވެހި ރައްޔިތުން ނޫންކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ބިން ގަތުމުގެ ނަމުގައި ސަރުކާރުން ހިންގަން އުޅޭ ކަންކަމަކީ އެމްއެމްއޭގެ ޤާނޫނާއި ޚަރަދަށް ޒިންމާވުމުގެ ޤާނޫނާއިވެސް ޚިލާފު، އަދި އޭގެ ސަބަބުން ދިގު މުއްދަތަކަށް އިޤްތިޞާދަށް ނޭދެވޭ އަސަރުކުރާނެ ކަމެއްކަމަށާއި، އެކަން ވަގުތުން ހުއްޓާލުމަށް ޝާހިދު ވަނީ ގޮވާލާފަ އެވެ.