Last Updated: April 1, 23:32
Tuesday, April 1, 2025
ޚަބަރު

32 ރަށެއްގެ ކުނި މެނޭޖުކުރާ މަރުކަޒު ގާއިމްކުރަން ވެމްކޯއަށް

ރާއްޖޭގެ 32 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތަކެއް އަޅަން ވެމްކޯއާ ހަވާލުކޮށްފި އެވެ.

ކުނި މެނޭޖު ކުރާ މަރުކަޒުތަކެއް ގާއިމު ކުރުމުގެ އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، މުޖުތަބާ ޖަލީލް އެވެ. ސަރުކާރުގެ ފަރާތުން ސޮއިކުރީ އެންވަރަމެންޓް އެންޑް ޓޫރިޒަމް މިނިސްޓަރު، ތޯރިގު އިބްރާހިމް އެވެ.

މި މަސައްކަތްތައް މި އަހަރުގެ ތިންވަނަ ކުއާޓާގެ ކުރިން ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.

ނަމަވެސް މި އެއްބަސްވުމުގެ ދަށުން ކުނި މެނޭޖު ކުރާ މަރުކަޒުތައް ގާއިމު ކުރަން ނިންމާފައި ވަނީ ކޮން ރަށްތަކެއްގައި ކަމެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އެކަށޭނެ ކުނި މެނޭޖުކުރާނެ ނިޒާމާއި ވަސީލަތްތައް މިއަހަރު ނިމުމުގެ ކުރިން ގާއިމުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާނު ކުރައްވާފަ އެވެ.